08 Oct 2011, 13:06
އަވަށްޓެރި ބަނގުލަދޭޝް އަށް ރާއްޖެ އިން 60،000 ޓަނުގެ ފާނޭސް އޮއިލް]ކްރޫޑް އޮއިލް ސާފުކުރާ އިރު ނަގާ ބާވަތެއް[ ގަތުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ މައި ތެޔެ ކުންފުނި ބަންގުލަދޭޝް ޕެޓްރޯލިއަމް ކޯޕޮރޭޝަނާ ހަވާލާދީ އެމެރިކާގެ ނޫހެއް ކަމަށްވާ ބްލޫމްބާގް ބިޒްނަސް ވީކް އިން ބުނެފި އެވެ.
ބްލޫމްބާގް ނޫހުގައި އިއްޔެ ބުނެފައި ވަނީ ބަނގުލަދޭޝްގައި ކަރަންޓް އުފެއްދުމަށް ބޭނުން ކުރުމަށް ސިންގަޕޫރާއި ރާއްޖެ އިން 125 މިލިޔަން ޑޮލަރުގެ ތެޔޮ ގަތުމަށް ބަންގްލަދޭޝް ޕެޓްރޯލިއަމް ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވިއެޓްނާމް ނެޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ސިންގަޕޫރު ޔުނިޓުން 120،000 މެޓްރިކް ޓަނުގެ ފާނޭކް އޮއިލް އަދި މޯލްޑިވްސް ނެޝަނަލް އޮއިލްކޯ އިން 60،000 ޓަނުގެ ފާނޭސް އޮއިލް އަންނަ ޑިސެމްބަރު މަހު ގަތުމަށް ހަމަޖެހިފައިވާ ކަމަށް ބަންގްލަދޭޝް ޕެޓްރޯލިއަމް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުގްތަދިރު އަލީއާ ހަވާލާދީ ބްލޫމްބާގް ބިޒްނަސް ވީކްއިން ބުންޏެވެ.
ބަނގްލަދޭޝްގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ތެލަށް 10 ބިލިޔަން ޑޮލަރު ހަރަދުކުރުމަށް އެގައުމުގެ ސަރުކާރުން ވިސްނާ ކަމަށާއި އަދި އެޕްލޭން އަންނަ އާދީއްތަ ދުވަހު އެގައުމުގެ ކެބިނެޓުން ފާސްކުރާނެ ކަމަށް ވެސް މުގުތަދިރު އަލީއާ ހަވާލާދީ ބްލޫމްބާގް ބިޒްނަސްވީކުން ބުންޏެވެ.
ރާއްޖެ އަށް ތެޔޮ އެތެރެކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯގެ އިސްފަރާތަކާ ގުޅޭގޮތް ނުވާތީ މިކަމާ ބެހޭ މައުލޫމާތު ރާއްޖެ އިން ވަނީ ނުލިބިފަ އެވެ.