31 Jan 2019, 10:12
ވައިޓް ހައުސް (ޖަނަވަރީ 31) : އީރާނާއި އުތުރުކޮރެޔާގެ މައްސަލާގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހޯދާފައިވާ މައުލޫމާތުގެ ސައްހަކަމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ޝައްކު އުފައްދަވައި ވާހަކަ ދައްކަވައިފި އެވެ.
ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ވިދާޅުވީ އީރާނާއި އުތުރުކޮރެޔާއާ މެދު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހޯދާފައިވާ މައުލޫމާތުގެ ފުރިހަމަ ކަމަށް ގަބޫލުނުކުރެވޭ ކަމަށާ އެދެގައުމާ މެދު އެއިދާރާތަކުގެ ލަފާކުރުންތައް ވެސް ރަނގަނޅު ނޫންކަމުގަ އެވެ. ޓްރަމްޕް މިހެން ވިދާޅުވީ އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމުގެ ވާހަކަތައް ކުރިޔަށް ގެންދިޔަނަމަވެސް ނިއުކްލިޔާ ހަތިޔާރާއި އޭގެ ޓެކްނޮލޮޖީ އެއްކޮށް ނައްތާލުމަކީ އުތުރުކޮރެޔާ ކުރާނެ ކަމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސާ ބެހޭ އިދާރާގެ ވެރިޔާ ޑެނިއަލް ކޯޓްސް ސެނެޓްގެ ޖާސޫސީ ކަންތައްތަކާ ބެހޭ ސަބް ކޮމިޓީއަށް މައުލޫމާތު ދެއްވުމާ ގުޅިގެންނެވެ.
ކޯޓެސް ވިދާޅުވެފައިވަނީ އުތުރުކޮރެޔާގެ ހަތިޔާރު ނައްތާލުމުގެ ވާހަކަތައް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވިއްޖެ ނަމަ އެގައުމުން ދުރުރާސްތާގެ ބަލިސްޓިކް މިސައިލް އުފެއްދުން ހުއްޓާލައި ނިއުކްލިޔާ ހަތިޔާރުގެ ބޮޑުބައި ވެސް ނައްތާލަފާނެ ކަމަށާއި އެެހެން ނަމަވެސް ނިއުކްލިޔާ ޓެކްނޮލޮޖީގެ ބައެއް ސިއްރިޔާތުގައި އެގައުމުން ފޮރުވާފައި ބަހައްޓާނެކަމަށް ބެލެވޭކަމުގަ އެވެ. ކޯޓެސް މިހެން ވިދާޅުވެފައިވާ އިރު ޓްރަމްޕްވަނީ އުތުރުކޮރު ކޮރެޔާއިން ނިއުކްލިޔާ ހަތިޔާރު އެއްކޮށްނައްތާލުމުގައި އޭނާގެ ސިޔާސަތު ކާމިޔާބު ވާނެ ކަމަށް ވިދާޅުވެ، އުތުރުކޮރެޔާ ސުލްޙައިގެ މޭޒުދޮށަށް ގެނެވުނީ ވެސް އޭނާގެ ސިޔާސަތުގެ މޮޅުކަމުން ކަމަށް ވިދާޅުވެ އެތައް ފަހަރަކު ވާހަކަ ދައްކަވައިފަ އެވެ.
އެހެންކަމުން ކޯޓެސްގެ ވާހަކަތަކަކީ ޓްރަމްޕްގެ ސިޔާސަތުތައް ކާމިޔާބު ކަމަށް ވިދާޅުވެ އޭނާ އެމެރިކާ ގެ ރައްޔިތުންނަށް ދެއްވާ މެސެޖްތަކާ މުޅިން ފުށުއަރާ މައުލޫމާތުތަކެކެވެ.
އަނެއްކޮޅުން އެމެރިކާގެ ޖާސޫސީ ކަންތައްތަކާ ބެހޭ މަރުކަޒީ އިދާރާގެ ވެރިޔާ ޖެނާ ހަސްޕެލް ވެސް ވަނީ އީރާނުގެ މައްސަލާގައި ޓްރަމްޕް އެމެރިކާގެ ރައްޔިތުންނަށް ދެއްވާ މެސެޖްތަކާ މުޅިން ޚިލާފަށް ސެނެޓްގެ ސަބް ކޮމިޓީއަށް މައުލޫމާތު ދެއްވައިފަ އެވެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން ސެނެޓަށް މައުލޫމާތު ދެއްވަމުން ހަސްޕެލް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅިނަމަވެސް އީރާނުން އެ އެއްބަސްވުމާ އަދިވެސް ޚިލާފު ނުވާކަމުގަ އެވެ. މިގޮތުން އެމެރިކާ ކިތަންމެ ހަރުކަށިކޮށް އަމަލުކުރިނަމަވެސް ނިއުކްލިޔާ އެއްބަސްވުމުގައިވާ ގޮތަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ހަރަކާތެއް އީރާނުން ކުރިޔަށް ނުގެންދާ ކަމަށް ހަސްޕެލް ވިދާޅުވި އެވެ.
އަދި އީރާނަކީ އެމެރިކާގެ މަސްލަހަތަށް އަސްކަރީގޮތުން ނުރަކާކުރާ ގައުމެއް ކަމަށް ބެލެވޭނެ ހެކިތައް ފެންނަން ނެތްކަމަށް ވެސް ހަސްޕެލް ވިދާޅުވި އެވެ. މިއީ އީރާނަކީ އެމެރިކާއަށް ނުރައްކާތެރި ގައުމެއް ކަމަށާ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާކަމަށް ވިދާޅުވެ، އީރާން ކުށްވެރިކޮށް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަގުފަހިކުރުމަށް ޓްރަމްޕް އެމެރިކާގެ ރައްޔިތުންނަށް ދައްކަވަމުން ގެންދެވި ހުއްޖަތްތަކާ ދެއްވި މެސެޖްތަކާ މުޅިން ފުށުއަރާ މައުލޫމާތުތަކެކެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކާ މެދު ޓްރަމްޕް ހިތްހަމަނުޖެހުން ފާޅުކުރެއްވީ މިކަމުގެ ސަބަބުންނެވެ.
އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ބުޝްގެ ސަރުކާރުންވަނީ އިރާގަށް އަރައިގަތުމަށްޓަކައި ސީއައިއޭ އަށް ފިއްތުންތައް ކުރިމަތިކޮށްގެން އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ޖާސޫސީ ދޮގު ރިޕޯޓްތަކެއް ސީއައިއޭ އިން ތައްޔާރު ކުރުވާފަ އެވެ. މިކަން ބޭޒާރުވީ އެރިޕޯޓްތައް ބޭނުންކޮށްގެން އިރާގުން ފަނާކުރަނިވި ހަތިޔާރު ނައްތާލުމުގެ ނަމުގައި އިރާގާ ދެކޮޅަށް ހަނގުރާމަކޮށް އިރާގު އެތަށް ލައްކަބަޔަކު މަރައި އެގައުމު އެއްކޮށް ފުނޑާލުމަށްފަހުގަ އެވެ.
ސީއައިއޭން އެދުވަސްވަރު ނެރުނު ދޮގު ރިޕޯޓްތައް ތައްޔާރުކުރަން އަމަރުކުރީ އޭރު އދ.ގައި ހުންނެވި އެމެރިކާގެ މަންދޫބު ޖޯން ބޯލްޓަން ކަމަށް ޚަބަރުތައް ބުނެއެވެ. އިސްރާއީލުގެ ކޮޅަށް ގޮސް ހުސްވެފައިވާ ބޯލްޓަންއަކީ ހަރުކަށި ޒަޔަނިސްޓް ވިސްނުމުގެ ބޭފުޅެކެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ކަމުގެ މަގާމަށް ޖޯންބޯލްޓަން އައްޔަން ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)