31 Jan 2019, 10:05
އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޝަކުންތަލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑު ރޯލުން ހުނަރުވެރި ބަތަލާ ވިދްޔާ ބާލަން ފެނިގެންދާ އިރު، ފިލްމުގައި ވިދްޔާގެ ދަރީގެ ރޯލުން ފެނިގެން ދާނީ ސާންޔާ މަލޯތުރާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ދަންގަލް' އިން ވިދާލި ބަތަލާ ސާންޔާ ވަނީ މިދިޔަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ 'ބަދާއީ ހޯ' އިން ވެސް ފެނިގެން ގޮސްފަ އެވެ.
ޝަކުންތަލާގެ ބަޔޮޕިކްގައި ވިދްޔާ އަދާކުރާނީ ޝަކުންތަލާގެ ރޯލެވެ. ޚަބަރުތައް ބުނާ ގޮތުން ފިލްމުގައި ސާންޔާ އަދާކުރާނީ ޝަކުންތަލާގެ ދަރި އަނުޕަމާ ބެނަރްޖީގެ ރޯލެވެ.
ސާންޔާއަށް ސްކްރިޕްޓު ވަރަށް ބޮޑަށް ކަމުގޮސްފައިވާ ކަމަށާއި އަދި ފިލްމަށް އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އަދި ރަސްމީކޮށް ފިލްމަށް ސޮއިކޮށްފައެއް ނުވެ އެވެ.
އަނޫ މެނަން ޑައިރެކްޓުކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސް ކުރާ އެ ފިލްމުގެ މަސައްކަތް މި އަހަރުތެރޭގައި ފަށާނެ އެވެ.
ޝަކުންތަލާ މަޝްހޫރުވެފައި ވަނީ "ހިއުމަން ކޮމްޕިއުޓަރު"ގެ ނަމުންނެވެ. އޭނާގެ ހުނަރުގެ ސަބަބުން 1982 ވަނަ އަހަރު އޭނާއަށް ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ލިބިފަ އެވެ.
މިއީ ބަޔޮޕިކް އަކުން ވިދްޔާ ފެނިގެންދާނެ ދެވަނަ ފަހަރެވެ. ވިދްޔާ ވަނީ މީގެ ކުރިން ސައުތު އިންޑިއަން އެކްޓަރު ސިލްކް ސްމިތާގެ ބަޔޮޕިކް 'ދަ ޑާޓީ ޕިކްޗާ'ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފަ އެވެ.