ރިޔާޟު(ޖެނުއަރީ 31): ސައުދީ އަރަބިއާއިން 2017 ވަނަ އަހަރު ފެށި އެންޓި ކޮރަޕްޝަން ކެމްޕެއިން އެގައުމުން ނިންމާލައިފި ކަމަށް ބުނެފިއެވެ.

ސައުދީން ބުނި ގޮތުގައި އެކެމްޕެއިންގެ ދަށުން ހައްޔަރު ކުރި މީހުންގެ ތެރެއިން 87 މީހަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި ކުށަށް އިއުތިރާފު ވާން ދެކޮޅު ހެދި އަށް މީހެއްގެ މައްސަލަ ޕްރޮސިކިއުޓަރަށް ފޮނުވާފައެވެ.

މީގެ އިތުރުން 56 މީހެއްގެ މައްސަލަ އަދިވެސް ދަނީ ބަލަމުންނެވެ. ސައުދީން ބުނި ގޮތުގައި އެކެމްޕެއިންގެ ދަށުން ދައުލަތަށް ނަގާފައިވާ ފައިސާ އާއި މުދަލުގެ އަގު 100 ބިލިއަން ޑޮލަރަށް އަރައެވެ.

ސައުދީ އަރަބިއާއިން އެންޓި ކޮރަޕްޝަން ކެމްޕެއިން ފެށީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުންނެވެ. އެކެމްޕެއިންގެ ދަށުން 200އަށް ވުރެ ގިނަ އަމީރުންނާއި ވިޔަފާރިވެރިންނާއި މިނިސްޓަރުން ހައްޔަރު ކުރިއެވެ. އަދި އެމީހުން ބޭތިއްބީ ރިޓްޒް ކާލްޓަން ފަދަ ހޮޓެލްތަކުގައެވެ.

އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސައުދީ ބިލިއަނަރު އަލް ވަލީދު ބިން ތަލާލް އާއި އެގައުމުގެ ނެޝަނަލް ގާޑުގެ ކުރީގެ ވެރިޔާ ޕްރިންސް މުތައިބު އަލް ސައުދު ހިމެނެއެވެ.

އެކެމްޕެއިނާ ގުޅިގެން ވަލީއަހުދަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި ފަހުން ވަލީއަހުދަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ.