31 Jan 2019, 09:12
ލޭ ނެގުމަށް ހާއްސަ ގައިޑްލައިނެއް ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިން އިއްޔެ ތައާރަފްކޮށްފިއެވެ.
އެ ގައިޑްލައިން ތައާރަފްކުރުމަށް އޭޑީކޭގައި އިއްޔެ ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ލޭ ހަދިޔާ ކުރާ މަރުކަޒުގެ ހަމައެކަނި މަސައްކަތަކީ ޕެކެޓެއްގައި ލޭ ރައްކާކުރުން ނޫން ކަމަށާއި އެކަމަކީ ބޮޑު މަސައްކަތެއް ކަމަށެވެ.
"މީ އެއަށްވުރެ މާބޮޑު މަސައްކަތެއް. ލޭ ދޭ މީހާގެ ލޭ އެހެން މީހެއްގެ ގަޔަށް އެޅުމަށްފަހު ދެން ކަންތައްވާ ގޮތް ވެސް މި މަރުކަޒުން ބަލާނެ،"
އައްފާލް ވިދާޅުވީ ކޮންމެ ބަލި މީހެއްގެ ގަޔަށް އެޅޭ ލެޔަކީ ސަލާމަތްކަމާ ރައްކާތެރި ކަމާއެކު އެޅޭ ލެޔެއްތޯ ޔަގީންކުރަންޖެހޭ ކަމަށެވެ.

އަދި "ސިއްހީ މަރުކަޒުން އަޅާ ލޭ މީހެއްގެ ގަޔަށް އެޅުން ރައްކާތެރިތޯ ވެސް ބަލަންޖެހޭ،"
އެ ގައިޑްލައިންއަކީ ބައިނަލްއަގްވާމީ ގައިޑްލައިންތަކުގައި ހިމެނޭ ބައިތައްވެސް ހިމަނައިގެން ރައްކާތެރި ގޮތަކަށް އުފައްދާފައިވާ ގައިޑްލައިނެއް ކަމަށްވެސް އޭނަ ވިދާޅުވިއެވެ.
އައްފާލް ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުން ގިނަވަމުން އަންނައިރު ލޭ އަޅަންޖެހޭ މީހުންވެސް ގިނަ ވަމުން އަންނަ ކަމަށެވެ.
އެ ގައިޑްލައިން ތައާރަފްކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ ޝާހް މާހިރު އެވެ.
"އުފެދުނު ޕޮލިސީގެ ދަށުން ރައްކާތެރިކަމާއެކީ ލޭ ނެގުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި ލޭ އަޅާ މީހުން އެ ޕްރޮސީޖާތައް ވަރަށް ރަނގަޅަށް ބަލަންޖެހޭ،"