08 Oct 2011, 10:51
ހދ. ވައިކަރަދޫ ދަނޑުވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އިން ހިއްސާ ވިއްކަން ރޭ ފަށައިފި ކަމަށް އެ ސޮސައިޓީން ބުނެފި އެވެ.
ވައިކަރަދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު ހިއްސާ ވިއްކަން ފެށީ ހަމައެކަނި އެ ރަށުގެ ރައްޔިތުން ނަށެވެ. ހިއްސާގެ މޫނުމަތީގެ އަގަކީ 100 ރުފިޔާ ކަމަށް ކޯޕަރޭޓިވް ސޮސައިޓީން ބުނެ އެވެ.
ވައިކަރަދޫ ދަނޑުވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ ފައުންޑާ މެމްބަރު އަބުދުﷲ ޒިޔާދު މިއަދު ވިދާޅުވީ އެ ސޮސައިޓީން ހިއްސާ ގަތުމުގެ ފުރުސަތު އެ ރަށުގެ ކޮންމެ ފަރާތަކަށް ވެސް ހުޅުވާ ލެވިފައިވާ ކަމަށެވެ.
"ވައިކަރަދޫ ދަނޑުވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ އަކީ އެ ރަށުގެ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭނެ ސޮސައިޓީއެއް. ވައިކަރަދުއަކީ ދަނޑުވެރި ރަށަކަށް ވުމުން ދަނޑުވެރިން ދަނޑު ހައްދައިގެން މަންފާ ލިބުމުގައި މި ސޮސައިޓީގެ އެހީތެރިކަން ލިބިގެންދާނެ. ދަނޑު ވެރިކަމުގެ ނަމުގައި މި ސޮސައިޓީ އުފެއްދި ނަމަވެސް ކޯޕަރޭޓިވް ސޮސައިޓީން ހިއްސާ ވައިކަރަދޫގެ ކޮންމެ ބޭފުޅަކަށް ވެސް ގަނެވޭނެ،" ޒިޔާދު ވިދާޅުވި އެވެ.
ކޯޕަރޭޓިވް ސޮސައިޓީން ރޭގެ ނިޔަލަށް 120 ފަރާތަކުން ހިއްސާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމް ނަގާފައިވާ ކަމަށް އެ ސޮސައިޓީން ބުންޏެވެ.
ވައިކަރަދޫ ދަނޑުވެރިންގެ ސޮސައިޓީ އުފެދުމަށް ފަންޑުކޮށްދީފައި ވަނީ އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކު]އޭޑީބީ[ގެ އިތުރަށް އެގްރިކަލްޗަރު މިނސްޓްރީގެ އެހީތެރިކަމާ އެކުގައި ކަމަށް އެ ސޮސައިޓީން ބުނެ އެވެ. ނަމަވެސް އެއީ ކިހާވަރެއްގެ އެހީތެރިކަމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.