31 Jan 2019, 08:45
ކުޑަކުދީންނަށް ހާއްސަކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" މާދަމާ ރިލީޒްކުރަން ނިންމައިފިއެވެ.
މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ފިލްމު ރިލީޒްކުރާނީ މާދަމާ ހަވީރު 16:00ގައި އޮލިމްޕަހުގައެވެ.
ފިލްމުގެ ޕްރޮޑިއުސަރު ޒިޔާ "ސަން"އަށް މައުލޫމާތު ދެމުން ބުނީ ކުލަގަދަ ހަފްލާއެއްގައި ފިލްމު ޕްރިމިއާކުރާނެ ކަމަށާއި "ބިދަބިން" ބޮޑުބެރު ގްރޫޕުގެ ނަލަ ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށެވެ.
"ޓިކެޓްގެ އަގަކީ 100 ރުފިޔާ. މިހާރު މިއަޅުވަނީ ފިލްމުގެ އެއްމެ ޝޯ އެއް. އެކަމަކު އަދި ކުރިއަށް އޮތްތާ ފިލްމު އަޅުވާނަން،"
ޒިޔާ ބުނީ އުންމީދަކީ ވީހާވެސް ގިނަ ކުދިން ފިލްމު ބަލަން އަންނާނެ ކަމަށެވެ. މި ފިލްމަކީ ކުޑަކުދިންނަށް ވަރަށް ރަނގަޅު ބޭނުންތެރި މެސެޖެއް ލިބޭނެ ފިލްމެއް ކަމަށްވެސް އޭނާ ބުންޏެވެ.
ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. އަދި "ކަނޑު އިބިލީސް"ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ.
"ކަނޑު އިބިލީސް" އަކީ ޒިޔާއާއި މަޝްހޫރު ކޮޕީ އިއްސެގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމެކެވެ.
އަމިއްލަ ރާގުގެ ލަވައެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާއެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.
އެ ފިލްމު އެޅުވުމުގެ ވަގުތު ކުޑަތަން ވަނީ އެވެ. ހުރިހާ ކުދީންވެސް "ކަނޑު އިބިލީސް" ބަލަން ދާންވާނެއެވެ.