31 Jan 2019, 08:31
ގއ. މާމެންދޫ ކޯޓުގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެތަނަށްވަރެ 13،1500 ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ކުޑަދޮރު ހަލާކުކޮށްލައިގެން ކޯޓުތެރެއަށްވަދެ ފައިސާ ވަގަށް ނަގާފައިވަނީ ކޯޓުގެ ތިޖޫރީ ހަލާކުކޮށްލައިގެން ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު އަށެއް ޖަހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާމެންދޫ ކޯޓު ފަޅާލާ ފައިސާތަކެއް ވަގަށް ނެގި މައްސަލަ ބެލުމަށް އެ ރަށުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި މައްސަލާގައި މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން އަދި ނުބުނެ އެވެ.
މާމެންދޫ ކޯޓު ފަޅާލައި ފައިސާތަކެއް ވަގަށް ނަގާފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ރ. މާކުރަތު ސިއްހީ މަރުކަޒާއި ކޯޓު އަދި ކައުންސިލް ފަޅާލައި ވައްކަން ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.