އިންސައިޓް ކޮންސަލްޓެންސީ ސާވިސް (އައިސީއެސް)އިން އަންނަ ހުކުރު ދުވަހު ބާއްވާ "ޒީރޯ ޕްލާސްޓިކް ރަން" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އައިސީއެސް މޯލްޑިވްސްއިން ބުނި ގޮތުގައި ޒީރޯ ޕްލާސްޓިކް ރަން ފެށޭނީ ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި، ހުޅުމާލޭގައެވެ. ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ދުވުން ފެށުމުގެ 30 މިނިޓު ކުރިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ހާޒިރުވާންޖެހޭކަމަށް އައިސީއެސްއިން ބުނެއެވެ.

ދަ ކްލީނިން ކުއެސްޓް"އާ ގުޅިގެން ބާއްވާ މި ދުވުން، ހިނގާފައި ވެސް ފުރިހަމަކުރެވިދާނެ ކަމަށް އައިސީއެސްއިން ބުނެއެވެ.

ދުވުން ފުރިހަމަކުރަން ޖެހޭނީ ދުވަމުންދާ އިރު މަގުމަތިން ފެންނަ ޕްލާސްޓިކް ހޮވައި، ކޮތަޅަކަށް އަޅަމުންނެވެ.

ޒީރޯ ޕްލާސްޓިކް ރަންގެ ކިޓު މިހާރު އައިސީއެސްގެ ދޫކުރަމުން ގެންދާ އިރު، އެ ކިޓުގެ ތެރޭގައި ޚާއްސަ ނެޓް ބޭގެއްވެސް ދޭނެއެވެ. މީގެ އިތުރުން މި ދުވުން ނިންމާލާ ކޮންމެ ފަރާތަކަށް ޚާއްސަ ޓޯޓް ބޭގެއްވެސް ދެވޭނެއެވެ. މީގެ މަގުސަދަކީ ޕްލާސްޓިކް ބޭގް މަދުކުރުމެވެ.

ކިޓް ދޫކުރުމުގެ ވަގުތު މިރޭ 9:00 އަށް ހަމަވާނެ އެވެ.