ރާއްޖޭގެ ލީޑިން އިންޝިއުރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ ފައިދާ އިތުރުވެ، އިންޝުއަރެންސް ކެޕޭސިޓީ 140 މިލިއަން ޑޮލަރަށް އިތުރުވެއްޖެއެވެ.

އެލައިޑް އިންުޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ އިވެންޓްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ ފާއިތުވި އަހަރަކީ އެލައިޑްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި އަހަރު އެކުންފުންޏަށް 95 ޕަސެންޓްގެ ނެޓް ޕްރޮފިޓްގެ ކުރިއެރުމެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލައިޑްގެ އިންޝުއަރެންސް ކެޕޭސިޓީ 2017 ވަނަ އަހަރު ހުރީ 120 މިލިއަން ޑޮލަރުގައެވެ. އަދި ފާއިތުވި އަހަރު އެ ކެޕޭސިޓީއަށް 20 މިލިއަން ޑޮލަރު ވަނީ އިތުރުވެފައެވެ.

"މިއީ ރާއްޖޭގެ ކޯޕަރޭޓް ތާރީހުގައިވެސް މިހާބޮޑު ޑަމްޕެއް އެއް ކުންފުންޏަކުން އައިސްފައި އޮތް ފުރަތަމަ ފަހަރުމީ. އަޅުގަނޑުމެން މިދިޔަ އަހަރު ވާނީ 130 މިލިއަން ރުފިޔާގެ ކްލެއިމް ޕޭކޮށްފަ ވާނީ. މާނައަކީ 130 މިލިއަން ރުފިޔާގެ ބަދަލުވަނީ ދީފަޔޭ،" އަމީލް ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 140 މިލިއަން ޑޮލަރަށް އެރި އެރުމަށް އިޝާރާތްކުރައްވައި އަމީލް ވިދާޅުވީ އެ ކާމިޔާބީއާއެކު މުޅި މި ސަރަހައްދުގެވެސް އެންމެ ވަރަުގަދަ ކެޕޭސިޓީހުރި އިންޝުއަރެންސް ކުންފުންޏަކަށް އެލައިޑްވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައިވެސް އެ ކުންފުނި ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުންޏަކަށް ހޮވިފައެވެ.

އެލައިޑްގެ ކާމިޔާބީގެ ދިގު ދަތުރުގައި އަލީމްގެ ހިއްސާ ވަރަށް ބޮޑެވެ. މިރޭގެ ރަސްމިއްޔާތުގައި އެލައިޑުން ވަނީ އޭނާ އެ ކުންފުންޏަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޙާއްސަ ލިޔުމެއް އަރުވައިފައެވެ.

އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީލް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެލައިޑްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މއ. ކެނޯވާ، މުހައްމަދު ޝަފާޒް އެސްޓީއޯގެ ބޯޑުން އިއްޔެ ވަނީ އައްޔަނުކުރައްވައިފަައެވެ. ޝަފާޒް އެ މަގާމާ ހަވާލުވެވަޑައިގަންނަވަނީ މިއަދުން ފެށިގެންނެވެ.