ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރާނެ ޕާޓީތަކާއި އެކު ވަރަށް އަވަހަށް ކޯލިޝަން ހަދާނެ ކަމުގެ އިޝާރާތެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެ ޕާޓީއާ ގުޅިގެން ކުރިއަށް ދާން ހުރި ޕާޓީތަކަށް ފުރުސަތު އެބައޮތް ކަމަށާއި އެކަމުގައި ވަކި ޕާޓީއެއް އިސްތިސްނާ ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ނާށިގަނޑު ހިފައިގެން މަގުމައްޗަށް ނިކުމެއޭ މިތިބީ މިހުރީ އެހެންވީމަ ނާށިގަނޑަށް އެއްޗެއް ވައްޓާލި އަޅުގަނޑުމެނަށް އެއްޗެއް ދިއްކޮއްލި ބަޔަކު އަތުގައި ނުހިފާ ނެތް ވާކަށް. އެއީ އެމްޑީޕީ ކަމުގައި ވިޔަސް އެހެން ޕާޓީއެއް ކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ އަތާއި އަތް ގުޅާލައިގެން އެބަޔަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތްތޯ ބަލަން. އޮތްވަރަކުން އެކަން ނިންމާނަން ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން ޖުމްހޫރީ ޕާޓީ އާއި އޭނާއާ މެދު އަމަލުކޮށްފައިވާ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ ދުޝްމަނެއް ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެމްޑީޕީ ސަރުކާރުން ވެސް އަޅުގަނޑާ ދޭތެރޭ ކަންތައް ކުރި ގޮތް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ އެނިމީއެއް ނެތޭ އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީން ކުރަމުން ދަނީ ގައުމީ މަސައްކަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަމުގައި ބައިވެރިވާން ބޭނުން ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތައް އެކިގައި މަޖިލިސް އިންތިހާބަށް ނިކުތުމުގެ ދޮރު ބަންދުވީ އެމްޑީޕީން އެކަމަށް ބޭނުން ނުވުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ޑިމޮކްރަސީ އަކީ އެއްބަސްވެފައިވާ ގޮތަށް ގިނަ ބަޔަކު ބޭނުންވާގޮތަކަށް ކުރިއަށް ދިއުންކަން ގާސިމް ފާހަގަ ކުރެއްވި އެވެ.

އަލަށް އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން އެޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ.