ރާއްޖޭގައި އިލެކްޓްރޯނިކްސް ސާމާނުގެ ވިޔާފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަނަން ޕާސަނަލް ކޮމްޕިއުޓާސް އިން މަސްވެރިންގެ ޖަމިއްޔާއާ ގުޅިގެންމަސްވެރިންނަށް ހާއްސަ ސްކީމްތަކެއް ތައާރަފް ކޮށްފި އެވެ.

މި ސްކީމްތައް ތައާރަފް ކުރުމަށް ޕާސަނަލް ކޮމްޕިޓާސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާސަނަލް ކޮމްޕިއުޓާސްގެ ޑިރެކްޓަރ، ސޭލްސް އެންޑް މާކެޓިން އަލީ ރިޔާޒު ވިދާޅުވީ، މިއީ މަސްވެރިންގެ ޖަމިއްޔާ އާ ގުޅިގެން އެ ކުންފުނިން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސްކީމްތަކެއް ކަމަށާއި މި ސްކީމް ގެ ދަށުން އެ ޖަމިއްޔާގެ ކޮންމެ މެމްބަރަކަށް ވެސް އެ ކުންފުނީގެ ހުރިހާ އައުޓްލެޓްތަކުންވެސް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން މުޖްތަމައުއަށް ކުރާ ހެޔޮ ކަމެއް. މި ސްކީމްގެ ދަށުން ޖަމިއްޔާގެ މެމްބަރުންނަށް އެކި ކެޓަގަރީތަކުން އެކި އެކި ޑިސްކައުންޓް ލިބިގެން ދާނެ،" ފާއިތުވީ 10 އަހަރު ރާއްޖޭގައި އިލެކްޓްރޯނިކްސް ވިޔަފާރި ކުރަމުން އަންނަ ޕާސަނަލް ކޮމްޕިއުޓާސްގެ ޑިރެކްޓާ، ސޭލްސް އެންޑް މާކެޓިން އަލީ ރިޔާޒު ވިދާޅުވިއެވެ.

ޕަސަނަލް ކޮމްޕިއުޓާސްގެ ޑިރެކްޓަރ، ސޭލްސް އެންޑް މާކެޓީން އަލީ ރިޔާޒު ވާހަަކަ ދައްކަވަނީ -- ސަން ފޮޓޯ

ރިޔާޒު ވިދާޅުވީ، އެނާ ގަބޫލުކުރައްވާގޮތުގައި އަޓީ ދާއިރާގެ ސަމާނުތަކަކީ "ވަކި އުމުރަކަަށް، ވަކި ޖިންސަކަަށް ނުވަތަ ވަކި ސޯޝަލް ގުރޫޕަކަށް" ހާއްސަވެފައިވާ އެއްޗެއް ނޫން ކަމަށާއި މިފަދަ އަޓީ ޒަމާނެއްގައި އެންމެވެސް މިފަދަ ތަކެއްޗަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދު ޝާފިއު ވިދާޅުވީ، މިއީ މަސްވެރިންނަށް ހުރި ފުރުސަތުތައް ހޯދައިދިނުމަށް އެ ޖަމިއްޔާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި އުންމީދު ކުރަނީ ރާއްޖޭގެ އެހެނިހެން ދާއިރާތަކުންވެސް ފަހި ފުރުސަތުތަކެއް މަސްވެރިންނަށް ފަހިކޮށްދިނުނަ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި މަސްވެރިނަނަށް ވެސް ހާއްސަ ކަންތައްތަކެއް މުޖްތަމައުގައި ހުރި ފުރުސަތުތަކުގެ ތެރެއިން ލިބެން ޖެހޭ. މިއަދު މި އަޅާލެވެނީ ވަރަށް މުހިންމު ބިންގަލެއް ރާއްޖޭގެ ހުރިހާ މަސްވެރިންނަށްވެސް. މިފަދަ ފުރުސަތުތައް މަސްވެރިންނަށް ހޯދާދިނުމަށް އަޅުގަނޑުމެން ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ވަކާލާތު ކުރާނަން،" ޝާފިއު ވިދާޅުވިއެވެ.

މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދު ޝަފީއު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ

އޭނާ ވިދާޅުވީ، މަސްވެރިންނަށް މި ސްކީމް ހާއްސަކުރެވިފައިވީ ނަމަވެސް ޖަމިއްޔާ މެމްބަރަކަށް ކޮންމެ ރައްޔިތަކަށް ވެސް ވެވޭނެ ކަމަށެވެ. އަދި ޖަމިއްޔާގެ ކޮންމެ މެމްބަރަކަށް ވެސް މި ސްކީމްތަކުގެ ދަށުން ޑިސްކައުންޓްތައް ލިބިގެން ދާނެ ކަމަށެވެ.

އެ ޖަމިއްޔާގެ ވެބްސައިޓް (https://www.maldivetuna.com)އިން މެމްބަރަކަށް ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާސަނަލް ކޮމްޕިއުޓާސް އިން ވާނީ މަސްވެރިންނަށް ހާއްސަ ސްކީމްތަކެއް ތައާރަފް ކޮށްފައި --

ޝާފިއު ވިދާޅުވީ، މުސްތަގުބަލުގައި ވެސް މަސްވެރިންނަށް މިފަދަ އިތުރު ފުރުސަތުތަކެއް ހޯދާއިދިނުމަށް އެ ޖަމިއްޔާގެ ފަރާތުން މަސައްކަތް ކުރައްމުންދާ ކަމަށެވެ.

މަސްވެރިންގެ ޖަމިއްޔާ އަކީ މަސްވެރިން ހުރި ފުރުސަތުތައް ހޯދާ ދިނުމަށާއި ރާއްޖޭގެ މަސްވެރިކަން އެހެން ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ފުރަތަމަ ގެމަނަފުށީ މަސްވެރިންގެ ނަމުގައި ހިންގި މި ޖަމިއްޔާ މިއަހަރުގެ ފުރަތަމަ ދުވަހު ވަނީ ރީބްރޭންޑް ކޮށްފައެވެ.