30 Jan 2019, 21:45
ރާމަﷲ (ޖަނަވަރީ 30) : ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދަﷲ އިސްތިއުފާ ދެއްވުމުން ރައީސް މަހްމޫދު އައްބާސް އޭނާގެ އިސްތިއުފާ ގަބޫލުކުރައްވައިފިއެވެ.
ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވީ ހަމްދަﷲ އިސްތިއުފާ ގަބޫލުކުރެއްވުމަށްފަހު އައު ސަރުކާރެއް އެކުލަވާލެވެންދެން ވަގުތީ ސަރުކާރެއްގެ ބޮޑުވަޒީރުކަމުގެ ގާއިމް މަގާމުކަން ރައީސް މަހްމޫދު އައްބާސް، ހަމްދަﷲ އާ ހަވާލުކުރައްވާފައިވާ ކަމުގައެވެ. ހަމްދަﷲ އިސްތިއުފާ ދެއްވީ ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލުމަށް މަގުފަހިކުރުމަށެވެ.
ފަލަސްތީނުގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކަށް ހުންނެވި ހަމްދަﷲ ފަލަސްތީނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 2014 ވަނައަހަރުއެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް ފަތްހު ޖަމާއަތާއި ހަމާސް ޖަމާއަތުން މަސައްކަތްކުރަމުން ދިޔައީ އެދެޖަމާއަތުގެ މެދުގައިޥާ ދެބަސްވުންތައް ދޫކޮށް އެދެޖަމާއަތް ގުޅިގެން ފަލަސްތީނުގެ އެހެން ޖަމާއަތްތައްވެސް ބައިވެރިކޮށްގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށެވެ. މިކަމަށްޓަކައި މިސްރު މެދުވެރިއަކަށްވެގެން މިދެ ޖަމާއަތް ސުލްޙަ ކުރުވުމަށް ހަތަރު އަހަރު މަސައްކަތްކުރިނަމަވެސް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެވޭ ވަރަށް ފަތްހު ޖަމާއަތާއި ހަމާސް ޖަމާއަތް އެއްގަލަކަށް އަރާފައެއް ނުވެއެވެ.
މިދެ ޖަމާއަތް އެއްގަލަކަށް ނޭރުމުގައި އެދެޖަމާއަތުގެ ވާދަވެރިކަމުގެ އިތުރުން އިސްރާއީލާއި އެމެރިކާއާއި ސައޫދީ އަރަބިޔާ ފަދަ ގައުމުތަކުގެ ފިއްތުންތައް ވަރަށް ބޮޑެވެ. އެއީ އިސްރާއީލާއި އެމެރިކާއާއި ސައޫދީ އަރަބިޔާއިން ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކޮށް ހަމާސް އެކަހެރި ކުރުމަށް މަސައްކަތްކުރާތީއެވެ. އެހެންކަމުން ހަމާސް އާ ގުޅިގެން އެކުލަވާލާ ސަރުކާރެއް އެތިން ގައުމުން ގަބޫލުނުކުރާނެކަމުގެ ބިރު ފަތްހު ޖަމާއަތަށް އޮވެއެވެ.
އިސްރާއީލާއި އެމެރިކާއިން ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރަނީ ހަމާސް އިން އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލު ކުރުމަށް ދެކޮޅު ހެދުމާއި ހަމާސުން އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުން ގެންދާތީއެވެ. ސައޫދީ ން ހަމާސް ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ދެކެނީ އެއީ އަރަބި ދުނިޔޭގައި ފެތުރިފައިވާ އިޚްވާނުލް މުސްލިމޫން ފިކުރަށް ނިސްބަތްވާ ޖަމާއަތަކަށް ވާތީއެވެ. އިޚްވާން ޖަމާއަތުގެ އިސްލާމީ ފިކުރަކީ ސައޫދީ ޝާހީ އާއިލާއިން ކުރަމުން ގެންދާ ވިރާޘީ އާއިލީ ރަސްކަމަށް އޮތް ބިރެއްކަމަށް ސައޫދީ ސަރުކާރުން ދެކެއެވެ.
ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ފަތްޙު ޖަމާއަތުގެ މަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ ހަފްތާގައި ވަނީ ރާމަﷲ ގައި ބާއްވާފައެވެ. ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލަން ޖެހެނީ ހަމާސް ޖަމާއަތް ހިމަނައިގެން ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަޥާލެވޭނެ ކަމުގެ އުންމީދު ކުޑަވެގެންދިޔުމުން ކަމަށް ފަތްހު ޖަމާއަތުން ބުނެފައިވެއެވެ. އައު ސަރުކާރުގެ ވަޒީރުންނަށް ހަމަޖައްސާ ބޭފުޅުންނާއި ބޮޑު ވަޒީރުކަމަށް އައްޔަން ކުރާ ފަރާތްވެސް މިހާރުވަނީ ކަނޑައަޅާފައި ކަމަށް ނަންހާމަކުރަން ނޭދޭ ފަލަސްތީނުގެ މަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)