ދިވެހި ޤައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ޝަމްވީލް ގާސިމު (ބޮންޑާ)ގެ ފުޓްބޯޅައިގެ ހަޔާތް ނިންމާލަން ބޭނުންވާ ކަމަށް އޭނާ ބުނެފައި ވަނިކޮށް، ހުނަރުވެރި މޮޅުކުޅުން ތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ވެސް ޤައުމީ ޓީމަށް ކުޅެން ބޭނުން ނުވާކަމުގެ ހިޔާތްތަކެއް ގެން ގުޅޭކަމަށް އެ ދެ ކުޅުން ތެރިން ބުނެފި އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުން ވާކަމަށް ބުނެ ފޯނުން "ސަން" އަށް ބުރާސްފަތި ދުވަހުގެ ރޭ ދިން އިންޓަވިއުގައި ބޮންޑާ ބުނީ، މީގެ ކުރިން ވެސް ފުޓްބޯޅަ ކުޅުމާ ދުރަށް ދިއުމުގެ ހިޔާލެއް ކުރިކަމަށެވެ. އެހެންނަމަވެސް ކުޅުން ހުއްޓާލަން ބޭނުންވާ ވަކި ހާއްސަ ސަބަބުތަކެއް ބޮންޑާ ހާމަ ކޮށްފައި ނުވާއިރު، ކުރިއަށް އޮތް ސާފްޗެމްޕިއަންސިޕްގައި ވެސް ނުކުޅޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަދި ވަކިގޮތެއް ނުނިންމަން. ކުރިން ވެސް ހުރީ ފުޓްބޯޅަ ކުޅުމާ ދުރަށްދާން ބޭނުންވެފައި، އެކަހަލަ ހިޔާލެއް ކުރިން ވެސް ކުރިން. އަދި ފައިނަލްކޮށް މިކަން ނިންމަން ބޭނުން،" ބޮންޑާ ބުންޏެވެ.

ފުޓްބޯޅަ ސީޒަންގައި މިހާރު ވެސް އެންމެ ކުރީގައި އޮތް ވީބީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ބޮންޑާ ބުނީ، ކުލަބުގައި މިހާރު ވެސް ހުރީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށްވީ އިރު، ފުޓްބޯޅަ ކުޅެން ބޭނުން ނުވާކަމަށް ކުލަބުގެ އިސްވެރިން ގާތު ބުނެފައިވާ ކަމަށެވެ.

"ކުލަބުން ބޭނުމެއް ނުވޭ ފުޓްބޯޅަ ކުޅުން ހުއްޓާލާކަށް. ކުލަބުން ބުނަނީ މަޑު ކުރާށޭ. ކުޅުން ހުއްޓާލަން އުޅޭ ވާހަކަ ކުލަބުގެ އިސް ވެރިންނަށް އިނގޭނެ." ބޮންޑާ ބުންޏެވެ.

އައްސަދު އަލީ (އަޑުބަރޭ) ބުނީ އޭނާ ވެސް ޤައުމީ ޓީމަށް ކުޅެން ބޭނުން ނުވާކަމުގެ ހިޔާލްތަކެއް ގެންގުޅޭ ކަމަށެވެ.
"ހިޔާލެއް އެބަ ގެންގުޅެން ޤައުމީ ޓީމަށް ނުކުޅެން. އަދި ވަކިގޮތެއް ނުނިންމަން." އަޑުބަރޭ ބުންޏެވެ.

ސީޒަންގައި ވީބީއަށް ކުޅެމުން އަންނަ އަޑޭ ބުނީ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ހިޔާލެއް މިވަގުތު ގެންގުޅުނު ކަމުގައި ވިޔަސް، ކުލަބަށް ކުޅުން ހުއްޓާ ނުލާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް އަލީ އާޒިމް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ، ޓީމުން ބޭނުންވެއްޖެ ނަމަ އެދެ ކުޅުންތެރިން ވެސް ނުކުޅެ ނުތިބޭނެ ކަމަކަށް ޤަބޫލް ނުކުރާކަމަށެވެ.

"ދިވެހި ރާއްޖެއަށް އެއްވެސް ދިވެއްސެއްގެ ބޭނުން ޖެހޭ ވަގުތެއްގައި އެ ދިވެއްސެއް ފުރަގަސް ދޭނެ ކަމަކަށް ނުބަލަން. އެއީ ހަމަ ފެތުރޭ ގޯސް އަޑެއްކަމަށް ޤަބޫލް ކުރަނީ. ތިޔަކަހަލަ ކަމެއް އެ ދެކުޅުންތެރިން ކުރާނެ ކަމަކަށް އުންމީދެއް ނުކުރަން." އާޒިމް ވިދާޅުވި އެވެ.

މިފަހަރުގެ ސާފް ފްޓްބޯޅަ މުބާރާތް ފެށެން ކުޑަދުވަސް ކޮޅަކަށް ވެފައިވާ އިރު، މުބާރަތަށް ތައްޔާރު ވުމުގެ ގޮތުން ޤައުމީ ޓީމުގެ ފަރިތަކުރުންތައް އަދި ވަނީ ފެށޭގޮތް ނުވެފަ އެވެ. އަދި ދެހާސް އަށް ވަނަ އަހަރު ލަންކާ އާއި ރާއްޖޭގައި ބޭއްވި ސާފު ޗެމްޕިއަންޝިޕްގައި އިންޑިއާ ކޮޅަށް ލަނޑުޖަހައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުޓްބޯޅަތަރި، ހުނަރުވެރި މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާ އަށް ވެސް މިފަހަރުގެ މުބާރާތުގައި ވަނީ ކުޅެވޭގޮތް ނުވެފަ އެވެ.