އެކަހެރިކޮށް ފަސް އަހަރު އޮތުމަށްފަހު ދުނިޔޭގެ ގައުމުތަކުން މިހާރު ރާއްޖެ ބަލައިގަންނަން ފަށައިފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާއި އެމެރިކާ އަދި އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލުއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތް ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އެ ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި ބައިނަލަގުވާމީ މަޝްރަހުން މިހާރު ރާއްޖެއަށް މަރުހަބާ ކިޔަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް، ބައިނަލްގުވާމީ މަޝްރަހުން އޮތީ އެހީތެރިވުމަށް ތައްޔާރަށް ކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.

ޝާހިދުގެ ދަތުރުފުޅުގައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގްރީރުކުރައްވައިފައެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާ ބައްދަލުކުރައި އެ ޖަމާއަތާ ރާއްޖެއިން އަލުން ގުޅުން އަވަސްކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.