30 Jan 2019, 17:34
ސިޔާސީ ޕާޓީތަކުން ބާއްވާ ރައްޔިތުންގެ މަޖިލިސް ޕްރައިމަރީތަކުން ނާކާމިޔާބުވާ ފަރާތްތަކަށް އަމިއްލަ ގޮތުން މަޖިލީހަށް ވާދަނުކުރެވޭ މާއްދާ ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ ސުޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ނިންމަވައިފި އެވެ.
ސަންގު ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ އާދީއްތަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ ޕްރައިމަރީން ބަލިވާ މީހުންނަށް މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު އިސްލާހެއް ކަމަށެވެ.
"މި މައްސަލާގައި އަޅުގަނޑު ނިންމައިފިން އަޅުގަނޑުމެންގެ ގާނޫނީ ޓީމުން މަސައްކަތް ކުރަމުން އެ ދަނީ ސުޕްރީމް ކޯޓަށް ދެ ދުވަހެއްގެ ތެރޭގައި މައްސަލަ ހުށަހެޅުމަށް،" ޖާބިރު ވިދާޅުވި އެވެ.
މަޖިލީހަށް ވަންނަން ޖެހޭ މީހުން ނިންމާނީ ރައްޔިތުން ކަމަށާއި އެ ފުރުސަތު ޕާޓީތަކަށް ގެއްލުވާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އިސްލާހު ސުޕްރީމް ކޯޓުން ބާތިލްކޮށްފިނަމަ، އަމިއްލަގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވާނެ ކަމަށެވެ. ނިމިދިޔަ އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާއަށް ޖާބިރާ ވާދަކޮށް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އަބްދުﷲ ރިފްއަތެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން، އާންމު އިންތިޚާބެއްގައި ޕާޓީއެއްގެ ޓިކެޓް ހޯދުމަށް ޕާޓީގެ ތެރޭގެ ޕްރައިމަރީގައި ވާދަ ކުރުމަށް ފަހު، އެ ޕްރައިމަރީން ނާކާމިޔާބުވާ މީހުން އެ އިންތިޚާބެއްގައި އެއްވެސް ގޮތަކުން ވާދައެއް ނުކުރެވޭނެ އެވެ. އެފަދަ މީހުން އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް ހައިސިއްޔަތަކުން ހުށަހެޅިޔަސް އެ މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.