30 Jan 2019, 18:37
"ފަސްޓް ލީޑާސް ސްޕޯޓްސް ބިސްނަސް ސަމިޓް"ގައި ބައިވެރި ވުމައްޓަކައި އެފްއޭއެމްގެ އަންހެނުންގެ ފުޓުބޯޅަ ޑިޕާޓްމެންޓުގެ އިސްވެރިޔާ މާޔަން މުހައްމަދު ޔުނައިޓެޑު އަރަބި އެމިރޭޓްސް، ޔޫއޭއީއަށް ވަޑައިގެންފިއެވެ.
ސްޕޯޓްސް ބިސްނަސް ސަމިޓް މިފަހަރު ބާއްވަން ހަމަޖެހިފައި ވަނީ އަބޫދާބީގެ ބަބް އަލް ޕެލަސްގައެވެ. އެ ކޮންފަރެންސް ކުރިއަށް ދާނީ މި މަހުގެ 30 އިން 31 ގެ ނިޔަލަށެވެ.
އެ ސަމިޓުގައި 20 ގައުމަކުން 350 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރި ވާނެއެވެ. ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑުތަކާއި ކުލަބުތަކާއި ލީގު ތަކުގެ އިތުރުން ފެޑެރޭޝަން ތަކާއި ބްރޯޑްކާސްޓަރުންގެ އިސްވެރިން ބައިވެރިވާ އެ ސަމިޓަކީ ކުޅިވަރުގެ މާކެޓާއި ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ކުރިއަށް ދާ ކޮންފަރެންސް އެކެވެ.
އޭނާ އެ ދަތުރުފުޅުގައި ޔޫއޭއީގައި މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ ފައިނަަލް އަށް ދައުވަތު އެރުވިގެން ވަޑައިގަންނަވާނެއެވެ.
ކުރިއަށް އޮތް ފީފާގެ ކައުންސިލް އިންތިޚާބުގައި އޭފްސީގެ ހަތް ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް މާޔަން ދަނީ ވާދަ ކުރައްވަމުންނެވެ. ރާއްޖެއިން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި މާޔަންގެ ނަން އެފްއޭއެމްއިން ވަނީ ފީފާއަށް ހުށައަޅާފައެވެ.

އަންހެނުންުގެ ފުޓުބޯޅަ ޑިޕާޓްމެންޓުގެ އިސްވެރިޔާ މާޔަން މުހައްމަދު އާއި ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު -- ފޮޓޯ / މާޔަން މުހައްމަދުގެ ފޭސްބުކް
މާޔަން އަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމައްޓަކައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭކަނބަލެކެވެ. މާޔަން ވަނީ ކުރިން ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެދީފައެވެ. އަދި އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗު ކަން ކުރައްވައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަންހެން ޓީމުގެ އިސްވެރިޔާގެ މަގާމުގެ އިތުރުން އޭއެފްސީ އަންހެން ކޮމިޓީގެ އެފްއޭއެމްގެ އިސްވެރިޔާ ކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

އަންހެނުންުގެ ފުޓުބޯޅަ ޑިޕާޓްމެންޓުގެ އިސްވެރިޔާ މާޔަން މުހައްމަދު އާއި ކުރީގެ ގައުމީ ޓީމު ކެޕްޓަން އަޝްފާގް އަލީ -- ފޮޓޯ / މާޔަން މުހައްމަދުގެ ފޭސްބުކް
މީގެ އިތުރުން 2003 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް މާޔަން ވަނީ އެފްއޭއެމްގެ އެކި މަގާމުތައް ފުރުއްވާ ރާއްޖޭގެ އަންހެނުންގެ ފުޓުބޯޅައަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ޙިދުމަތްތަކެއް ކޮށްދީފައެވެ.