08 Oct 2011, 09:54
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ ރައީސްގެ މަގާމަށް އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފާރިޝް އިންތިޚާބުކޮށްފި އެވެ.
ދަޑިމަގު ކައުންސިލްގެ ނާއިބު ރައީސް ހުސެއިން އިހުސާން މިއަދު ވިދާޅުވީ ފާރިޝް ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުކޮށްފައި ވަނީ ބުރާސްފަތި ދުވަހު ނެގި ސިއްރު ވޯޓަކުން ކަމަށެވެ.
ޑީއާރުޕީގެ ތިން ކައުންސިލަރުން ތިއްބަވާ ދަޑިމަގު ކައުންސިލްގެ ރައީސް ކަމަށް ފާރިޝް އިންތިޚާބު ކުރުމަށް ނެގި ސިއްރު ވޯޓުގައި ބައިވެރިވެފައި ވަނީ އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނާއިބު ރައީސް އިހުސާނާއި ރައީސް ކަމަށް ކުރިމަތި ލެއްވި ފާރިޝެވެ. އެ ވޯޓަކީ ގަވާއިދާ ޚިލާފަށް ނަގަން ނިންމި ވޯޓެއް ކަމަށް ބުނެ ކައުންސލްގެ ކުރީގެ ރައީސް ނަޖާހު ވޯޓުގައި ބައިވެރިނުވާ ކަމަށް ކައުންސިލްގެ ނާއިބުރައީސް އިހުސާން ވިދާޅުވި އެވެ.
"ފާރިޝް ރައީސް ކަމަށް އިންތިޚާބުކުރުމަށް ނެގި ސިއްރު ވޯޓުގައި ބައިވެރިވީ މި ކައުންސިލްގައި ހިމެނޭ ތިން މެންބަރުންގެތެރެއިން ދެ މެންބަރަކު. އެ ވޯޓަކީ ގަވާއިދާއި ޚިލާފަށް ނަގަންއުޅޭ ވޯޓެއްކަމަށްބުނެ ކުރީގެ ރައީސް ނަޖާހު ވޯޓުގައި ބައިވެރިއެއްނުވޭ. އަޅުގަނޑުމެން ނަޖާހު ރައީސްކަމުން ވަކިކުރީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަދި މާލިއްޔަތު ގާނޫނާ ޚިލާފަށް ކައުންސިލާ މަޝްވަރާނުކޮށް ފައިސާގެ ކަންތައް ނިންމަމުން ދާތީ. އަޅުގަނޑުމެން ދެ މީހުން ޕީޕީއެމް އަށް ސަޕޯޓު ކުރާކަމަށް ބުނެ ނަޖާހު ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް،" އިހުސާން ވިދާޅުވި އެވެ.
ދަޑިމަގު ކައުންސިލްގެ ކުރީގެ ރައީސް އަޙުމަދު ނަޖާހު އިބްރާހިމް ]އެންޑީ[ގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގައި އޭނާ ރައީސްކަމުން ވަކިކޮށްފައި ވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނާ ޚިލާފަށް ކައުންސިލާ މަޝްވަރާކުރުމެއް ނެތި ކަންކަން ނިންމަމުން ދިޔުމާއި އަދި މާލިއްޔަތު ގާނޫނާ ޚިލާފަށް ފައިސާގެ ބައެއް މުޢާމަލާތްތައް ކޮށްފައިވާތީ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާނާއި ފާރިޝް ނަޖާހުގެ މައްޗަށް އިތުބާރުނެތް ކަމަށް ވޯޓުދެއްވާފައިވާތީ ޑީއާރުޕީން ވަނީ އެ މައްސަލަ އެ ޕާޓީގެ ކައުންސިލަށް ހުށަހަޅައިފަ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލްގެ ކުރީގެ ރައީސް ނަޖާހު ވިދާޅުވީ އިހުސާނާއި ފާރީޝް އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓު ނަގައި ރައީސްކަމުން ވަކިކުރީ އެދެ ބޭފުޅުން ޕީޕީއެމްއަށް ސަޕޯޓް ކުރައްވާތީ ކަމަށެވެ.
ނަމަވެސް އިހުސާނާއި ފާރިޝް ވަނީ ނަޖާހުގެ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.