ހުއްދަ ނުނަގައި ދީނީ ނަސޭހަތް ދޭނަމަ ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސިޓީ ކައުންސިލްތަކާއި، ރަށްރަށުގެ ކައުންސިލްތަކާއި އަދި ޖަމިއްޔާތަކަށް އެޑްރެސްކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދީނީ ޝިއާރުތައް ފާޅުކުރުމުގެ ބެލެނިވެރި ފަރާތަކީ ސީދާ އެ މިިނިސްޓްރީ ކަމަށެވެ.

" ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ދީނީ ނަސޭހަތް ދޭނަމަ މި މިނިސްޓްރީން ހުއްދަ ނަންގަވަންވާނެ ކަަމުގައި ދެންނެވީމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ކުރިންވެސް އެކަންތައްތައް ތަކުރާރުކޮށް އެކަން އަންގައިފާނެ ކަަމަށެވެ.

ދީނީ ނަސޭހަތް ދިނުމަށް ވަކި ހުއްދައެއް ނަގަން ޖެހޭއިރު، ހުއްދަ އޮންނަ ފަރާތްތަކުންވެސް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދާ ހިލާފުކަމެއް ކޮށްފިނަމަ އެ މައްސަލަ ބެލުމަށް ފަހު ހުއްދަ ބާތިލްކުރުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

އެފަދަ މައްސަލަތަކުގައި ދީނީ ނަސޭހަތްދޭ ފަރާތްތަކުގެ ހުއްދަ މީގެ ކުރިން ބާތިލްކޮށްފައި ވެއެވެ. އެގޮތުން ޝައިހް އިލްޔާސް ހުސެއިންއަށް މީގެ ކުރިން ދީފައިވާ ހުއްދަތައް ބާތިލްކޮށްފައިވެއެވެ.