30 Jan 2019, 14:56
ޖަލުގައި ބަލިތައް ފެތުރެނީ، ގައިދީންނަށް ވީ އެންމެ އަވަހަށް ފަރުވާ ނުދެވޭތީ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
މިއަދު ހޯމް މިނިސްޓްރީ، އައިޖީއެމްއެޗް އަދި ކަރެކްޝަންސް އިން ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒް ވިދާޅުވީ، ޖަލުގައި އެންމެ ގިނައިން ގައިދީންނަށް ޖެހެނީ ހަމުގެ ބަލިތައް ކަމަށެވެ. އަދި ބަލިތައް އަވަހަށް ފެތުރެނީ ގައިދީންނަށް ވަގުތުން ވަގުތަށް ފަރުވާ ނުދެވޭތީ ކަމަށް ވިދާޅުވި އެވެ.
"ހަމުގެ ބަލި ވިޔަސް އެހެން ބައްޔެއް ވިޔަސް، ޖަލުގައި ބައްޔެއް ގިނަ ވެގެން މިހާތަނަށް ގޮސްފައި ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ހުރީ ވަގުތުން، ނުވަތަ ވީ އެންމެ އަވަހަކަށް އެކަމަށް ފަރުވާއެއް ހޯދައި ދެވިފައި ނެތީމަ. އެތައް ބަޔަކަށް އެއް ވައްތަރެއްގެ ބައްޔެއް ޖެހިގެންދާ އިރު އެކަމަށް ފަރުވާ ނުދެވޭ ކަމަށް ވަންޏާ އިތުރަށް ފެތުރިގެން ދާނީ،" މުނާޒް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ގައިދީންނަށް ހާއްސަ ދެ ކޮޓަރި ބެހެއްޓުމަށާއި، އެ ހޮސްޕިޓަލުގެ ޑޮކްޓަރުން، ގައިދީންނަށް ފަރުވާ ދިނުމަށް ޖަލުތަކަށް ފޮނުވަން އެއްބަސްވެފައިވާކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒް ވަނީ ހާމަކޮށްފަ އެވެ. އެހެންކަމުން، އަވަހަށް ފަރުވާ ނުދެވުމުގެ މައްސަލައަށް އައިޖީއެމްއެޗްގެ އެހީގައި މިހާރު ހައްލެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުމުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޖަލުގައި ބަލިތައް ޖެހޭ ބައެއް ސަބަބުތައް ހިއްސާ ކުރައްވައި އެކަންކަން ހައްލު ކުރަން މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އޭގެ ތެރެއިން އެއް ކަންތައް ފެނުގެ މައްސަލަ އަކީ. އެއަށް ވެސް ހައްލެއް ހޯދުމަށް މިވަނީ މަސައްކަތް ފެށިފައި. ދެވަނަ ބޮޑު ކަމެއް އެއީ، ގޮޅިތަކުގެ ވެންޓިލޭޝަން ހުންނަ ގޮތުން އެ ދިމާވާ މައްސަލަ. އެއަށް ވެސް ހައްލެއް ހޯދުމުގެ މަސައްކަތް ވަނީ ފެށިފައި. ތިންވަނަ ކަމަކީ ޖަލުގެ ގޮޅިތަކުގައި ތިބެންވާ އަދަދަށް ވުރެ ގިނަ މީހުން އެއްތަނެއްގައި ބޭތިއްބިފައި ހުރުން. ދެން އެކަކަށް ދިމާވާ މައްސަލަ ދެން ދެވަނަ މީހަކަށް، ތަކުރާރުވެ، ރިޕީޓުވެ ގައިން ގަޔަށް އަރަމުން ދާނީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ގިނަ ދުވަހު ފަރުވާ ދޭން ޖެހޭ މީހުން އާއިލާއާ ހަވާލުކޮށްގެން ފަރުވާ ދޭން މިހާރު ފަށާފައިވާ ކަމަށެވެ.