30 Jan 2019, 14:54
ދިއްލީ (ޖެނުއަރީ 30): އިންޑިއާގައި އަންނަ މެއި މަހު ބާއްވާ އާއްމު އިންތިހާބު ކޮންގްރެސް ޕާޓީއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ޕާލިމެންޓުން އެންމެ ފުރަތަމަ ފާސް ކުރާނީ އަންހެނުންނަށް މަޖިލީހުގެ ގޮނޑިތަކެއް ހާއްސަ ކުރާ ބިލް ކަމަށް އެޕާޓީގެ ރައީސް ވިދާޅުވެއްޖެ އެވެ.
އިއްޔެ ކެރަލާގައި ދެއްވި ތަގުރީރެއްގައި ވާހަކަ ދައްކަވަމުން ރާހުލް ގާންދީ ވިދާޅުވި ގޮތުގައި ހުރިހާ ފަންތިއެއްގައިވެސް އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހެ އެވެ.
"މިއަހަރުގެ އިންތިހާބު ކާމިޔާބުވުމުން އަޅުގަނޑުމެން އެންމެ ފުރަތަމަ ޕާލިމެންޓުގައި ކުރާނެ ކަމަކީ މަޖިލީހުގެ ބައެއް ގޮނޑިތައް އަންހެނުންނަށް ހާއްސަ ކުރާ ބިލް ފާސް ކުރުން،" ގާންދީ ވިދާޅުވި އެވެ.
އިންޑިއާގޭ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ތިން ބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން 2008 ވަނަ އަހަރު އެގައުމުގައި އޮތް ކޮންގްރެސް ޕާޓީ އިސްވެ އޮންނަ ޔޫޕީއޭ ސަރުކާރުން ހުށަހެޅި އެވެ. ނަމަވެސް އެބިލާ ބެހޭ ގޮތުން ޕާލިމެންޓަށް އެއްބަސްވުމަކަށް ނާދެވި، އަދިވެސް އެ ބިލް ފާސްވެފައި ނުވެ އެވެ.