ކާބުލް (އޮކްޓޯބަރ 8): އެމެރިކާ އަފްޣާނިސްތާނަށް އަރައިގަތްތާ 10 އަހަރު ފުރުމާގުޅިގެން ދެއްވި ބަޔާނެއްގައި އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމުގައި އެމެރިކާ ފޭލްވެފައިވާ ކަމަށް ރައީސް ޙާމިދު ކަރުޒާއި ވިދާޅުވެއްޖެ އެވެ. ކަރުޒާއި ވިދާޅުވީ އޭނާގެ ސަރުކާރާއި އެސަރުކާރަށް މަދަދުދޭ އެމެރިކާ އާއި ނޭޓޯ ވަނީ އަފްޣާން ރައްޔިތުންނަށް އަމާން ކަމާއި ޙިމާޔަތާއި ރަނގަނޅު މުސްތަޤްބަލެއް ހޯދައިދިނުމުގައި ފޭލްވެފައި ކަމުގަ އެވެ.

ނަމަވެސް ކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން މުސްތަޤްބަލަށް އުންމީދުތަކެއް އެބައޮތް ކަމަށާއި ބައެއް ކަންތައްތައް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުވިފައިވާ ކަމަށް ކަރުޒާއި ވިދާޅުވި އެވެ.

މިމުނާސަބަތާ ގުޅިގެން ދެއްވި ބަޔާނެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ އަލްޤާޢިދާ ޖަމާއަތް ބަލިކަށިގެ އެޖަމާއަތުގެ ނިމުން ގާތްވެއްޖެ ކަމުގަ އެވެ. އަފްޣާނިސްތާނުގައި މަސައްކަތްކުރާ އިންސާނީ އެހީދޭ ބޭރުގެ ޖަމާޢަތްތަކުން ބުނީ އަފްޣާނިސްތާނުގެ ޙާލަތު ރަނގަޅު ނުވާކަމަށާއި އެެމެރިކާގެ އަފްޣާނިސްތާނަށް އެރިތާ 10 އަހަރު ފުރޭއިރުވެސް އެޤައުމުގެ ރައްޔިތުން ތިބީ ފަގީރު ބިކަ ޙާލުގައި ކަމުގައެވެ.

މިމުނާސަބަތާ ގުޅިގެން އަފްޣާން ރައްޔިތުންގެ އެތަށް ހާސްބަޔަކުވަނީ ވެރިރަށް ކާބުލްގައާއި އެހެން ރައްރަށުގައި ބޮޑެތި މުޒާހަރާތަކެއްކޮށް އެމެރިކާ އާއި ނޭޓޯގެ އިސްތިޢްމާރީ ބާރުތައް އަފްޣާން ބިމުން ބޭރުވުމަށް ގޮވާލާފައެވެ. އަދި އެމެރިކާ އަފްޣާނިސްތާނަށް އަރައިގަތީ އެމެރިކާގެ އިސްތިޢްމާރީ މަޤްސަދްތައް ޙާސިލް ކުރުމަށްޓަކައި ކަމަށާއި އަފްޣާން ރައްޔިތުންގެ އެތަށް ހާސްބަޔަކު މެރުމުގައި ޒިންމާ އުފުލަންޖެހޭ އެމެރިކާ ސިފައިންނާއި އެމެރިކާގެ އިސްވެރިންގެ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރުމަށް ގޮވާލާފައެވެ. (އަލްޖަޒީރާ)