30 Jan 2019, 14:41
"މީތި ސަޅި" ރޯޑް އެވެއާނެސް ކެމްޕެއިން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
މިއީ ޓްރެފިކް ގަވައިދުތަކަށް މީހުން އަހުލުވެރިކޮށް، ބާރު ސްޕިޑުގައި އެއްގަމު އުޅަނދު ދުއްވުން ހުއްޓުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި ދިވެހި ޑޮކްޓަރުންގެ ޓީމަކާއި އާޓްގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންތަކެއް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
"މިތި ސަޅި" ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ ސިނަމާލެ ބްރިޖުން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކާ ހަމައަށް ބާއްވާ ސައިކަލު ބުރަކުންނެވެ. މި ސައިކަލު ބުރަކީ ޓްރެފިކް ގަވައިދާ އެއްގޮތަށް ބާއްވާނެ ސައިކަލު ބުރެއް ކަމަށާއި ސައިކަލު ބުރުގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއާއި ދައުލަތުގެ ވަޒީރުން ބައިވެރިވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުންޏެވެ.
ސައިކަލު ބުރަށްފަހު ސެންޓްރަލް ޕާކުގައި ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ޓްރެފިކް ގަވައިދުތަކަށް ހޭލުންތެރިކުރުމަށް އާޓް އިންސްޓަލޭޝަން ތަކެއް އެ ސަރަހައްދުގައި ހުންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުންޏެވެ.
ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅިފައިވާ ހައިވޭގައި ބާރު ސްޕީޑުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންތުތައް ވަނީ ހިނގައިފައެވެ. އެކްސިޑެންޓުތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އަންނަ މާޗުމަހުގެ 10 އިން ފެށިގެން ބްރިޖާއި ހައިވޭގައި ދުއްވާއިރު ހެލްމެޓު އެޅުން މަޖުބޫރު ވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓު ބަހަން ސަރުކާރުން ނިންމާފައިވާއިރު ހެލްމެޓު ގަނެދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނު ކޮށްފައެވެ. ހެލްމެޓު ބަހާނީ އަންނަ މަހުގެ ތެރޭގައި ކަމަށާއި މާލޭގެ އިތުރުން ރަށްރަށުގައިވެސް ހެލްމެޓު ބަހާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. މީގެ އިތުރުން ޓްރެފިކް ގަވައިދުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވެސް މަސައްކަތް ކުރަމުންދަ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
ބުރިޖު މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރުގެ ބާރު މިނުގައެވެ. އެ ސްޕީޑްގައި ބްރިޖު މަތީގައި ދުއްވާ އިރު އެންމެ ރައްކާތެރި ގޮތަކީ ވެސް ހެލްމެޓް އަަޅައިގެން ދުއްވުން ކަމަށް ޓްރާންސްޕޯޓް އޮޓޯރިޓީއާއި ޕޮލިސް ސާވިސްއިން ބުނެއެވެ.