30 Jan 2019, 16:17
ސިނަމާލެ ބްރިޖު މަތިން ދަތުރުކުރާ ބަސްތައް ހުއްޓާ ބަސްހުއްޓިތައް ހިޔާ ކުރި އިރު، އެތަނުގައި މަޑުކޮށްގެން ތިބޭ ފަސިންޖަރުންނަށް ހިޔާވެވޭނެ ގޮތަށް އެތަން ޑިޒައިން ކޮށްފައި ނުވާތީ އެކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އެމްޕީއެލްގެ ބަސްހުއްޓިތަކުގެ ތެރެއިން ސްޓެލްކޯ ފުރަގަހުގައި ގާއިމްކޮށްފައިވާ ބަސްހުއްޓި ވަނީ ހިޔާކޮށް، އެތަނުގައި އިށީނދެވޭނެހެން ވަނީ ހަދައިފައެވެ.
ނަމަވެސް އާންމުކޮށް އެ ބަސްހުއްޓި ބޭނުންކުރާ މީހަކު ބުނީ ބަސްހުއްޓި ހިޔާކޮށްފައިވީނަމަވެސް އެތަަނުގައި ހުންނަ މީހަކަށް ހިޔާވެވޭނެ ގޮތެއް އެތަނުގައި ނެތް ކަމަށެވެ. އެތަން ހިޔާކޮށްފައި ހުރި ޑިޒައިނަށް ފާޑު ކިޔަމުން އޭނާ ބުނީ އިށީންނަން ހަދާފައިވާ ޖާގަ ވެސް ކުޑަ ކަމަށެވެ.
ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ބަސްހުއްޓިތަކުގައިވެސް ހިޔާ ވެވޭނެ ގޮތަށް ނުހުންނާތީ އާއި އިށީނދެ ތިބޭ ތަން ތިރި ކަމުން ފަސިންޖަރުން ފާޑު ކިޔާކަން ފާހަގަ ކުރެވެއެވެ.
އެމްޕީއެލްގެ ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުންދޭ ބަހުގެ ހިދުމަތަށް ޗާޖު ކުރަނީ 10 ރުފިޔާއެވެ. ބަހުން ދަތުރު ކުރެވެނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ.
ބަސް ދަތުރުގެ ހިދުމަތް މިވަގުތު އެމްޕީއެލްއިން ދިންނަމަވެސް އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ. މިނިސްޓްރީ އިން އެގޮތަށް ނިންމި އިރު ކުރީ ސަރުކާރުގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލު ކުރުމުން އެކުންފުނިން ބުނެފައިވަނީ އެ ހިދުމަތް ދިނުމަށް 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށެވެ.