30 Jan 2019, 13:54
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖަލުގައި ދެވޭ ހިދުމަތް އެހެން ގައިދީނަށް ވުރެ ވެސް ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ)ގެ އިންތިގާލީ ރައީސްގެ މަގާމުގައި ހުންނެވި އަދީބަށް ބޭސްފަރުވާ ދިނުމުގައި އިމްރާން އިހުމާލުވާ ކަމަށް ބުނެ އެ ޕާޓީން ދަނީ އިމްރާނަށް ފާޑުކިޔަމުންނެވެ. އަދި އަދީބާ މެދު ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެހެން ނަމަވެސް، މިއަދު ހޯމް މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބަށް ބޭސްފަރުވާ ދިނުމުގައި އެއްވެސް ވަރަކަށް އިހުމާލުވެފައި ނުވާނޭ ކަމަށެވެ. އަދި އެއްވެސް ޒާތީ ކަމެއް އަދީބާ މެދު ނުގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ފާއިތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި، ދެ އަހަރު ތެރޭގައި އަދީބަށް ފަރުވާ ނުދޭ މިންވަރަށް ފަރުވާ ދީފައިވާނެ ކަމަށެވެ.
"އަދީބު ބަންދުވެގެން ވޭތުވެދިޔަ ދެ އަހަރަށް ވުރެ ގިނަ މުއްދަތުގައި އަދީބަށް ބޭސްފަރުވާގައި ނުދޭ ފުރުސަތު މިދިޔަ ދެ މަސް ތެރޭގައި ވާނީ ދީފައި. އަޅުގަނޑު ވަރަށް އުފަލާއެކު މިކަންތައް ފާހަގަކުރަން. ދެ މަސް ދުވަސް ތެރޭގައި، ދެ އަހަރު ދުވަހުގެ ތެރޭގައި ބޭސްފަރުވާ ނުކޮށްދެވޭ ވަރަށް އަދީބަށް ވަނީ ދެ މަސް ދުވަސް ތެރޭގައި ބޭސްފަރުވާ ކޮށްދީފައި. އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި އަޅުގަނޑުމެންގެ މުއައްސަސާގެ އެއްވެސް އިހުމާލެއް އިރާދަކުރެއްވިއްޔާ ނޯންނާނެ،"
އޭގެ އިތުރުން، އަދީބު ޖަލުގައި ބަހައްޓާފައި ހުންނަނީ ހާއްސަ ހިމާޔަތް ދެއްވާފައި ކަމަށް ވިދާޅުވެ، އިމްރާން ވަނީ އެކަމުގެ ތަފްސީލު ހާމަ ކުރައްވާފައެވެ.
"ވޭތުވެދިޔަ ސަރުކާރުގައި، އެ ބޭފުޅުންގެ ބަހުރުވައިން، އަދީބު ބައިތިއްބައިގެން އުޅުނީ 'ބަންދުކޮށްޓެއްގައި'. އެކަމަކު މިއަދު އަދީބު ވާނީ ޖަލުގެ ގަވާއިދުތަކާ އުސޫލުތައް ކަނޑައަޅުއްވާ ސްޕެޝަލް ޕްރޮޓެކްޝަން ދެއްވަން ކަނޑައަޅުއްވާފައިވާ ބޭފުޅުންނަށް ކަނޑައެޅިފައިވާ ތަނުގައި އެންމެ ލުއި ގޮތުގައި އެންމެ ފުރިހަމަ ހިދުމަތްތައް ދެވެމުން. ރޭގަނޑު ނުވަޔަކުން ހެނދުނު ހަތަކަށް ބަންދު ރޫމުގައި ބަންދުކުރެވިފައި ހުންނާނީ. ހެނދުނު ނުވަޔަކުން ހެނދުނު ހަތަކަށް ޔާޑު ތެރޭގައި ދޫކޮށްފައި ހުންނާނީ. އެކުގައި އެހެން ބޭފުޅަކު ހުންނާނެ. ކާބޯތަކެތި ވެސް އަދިވެސް ޖަލުގެ ތެރެއިން ލިބެން ޖެހޭ އެހެން ހިދުމަތްތައް ބަރާބަރަށް ލިބެމުން ދާނެ. 24 ގަޑިއިރުން އެއްފަހަރު ޑޮކްޓަރަކު ޗެކް ކުރައްވަމުން ގެންދަވާނެ. އެ ޑޮކްޓަރު އިރުޝާދު ދެއްވައިފި ނަމަ ލަސްނުކޮށް މާލެއަށް ގެނެވޭނެ،"
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން މިދަނީ އަދީބަށް އެހެން ގައިދީންނަށް ވުރެ ވެސް ރަނގަޅަށް ހިދުމަތް ދެމުން،" އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވާހަކަފުޅު ދައްކަވާފައިވާ އިރު، އަދީބުގެ ސިއްހީ ހާލަތު ގޯސް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އޭނާ ޖަލުން ގޭބަންދަށް ބަދަލުކުރުމަށް އެ ކޯޓުން ވަގުތީ އަމުރެއްވެސް ނެރުނެވެ. އެހެން ނަމަވެސް، އެ އަމުރު އޭގެ އަނެއް ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. މިހާރު އަދީބު ހުންނެވީ އަނެއްކާވެސް ޖަލަށް ބަދަލުކޮށްފައެވެ.