އައިޖީއެމްއެޗުގައި ގައިދީންނަށް ފަރުވާ ދިނުމަށް ހާއްސަ ދެ ކޮޓަރި ހަމަޖައްސައި، ގައިދީންނަށް ފަރުވާ ދިނުމަށް ޖަލަށް ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުވަން ނިންމައިފި އެވެ.

އައިޖީއެމްއެޗާއި ކަރެކްޝަންސް ގުޅިގެން އެ ބަދަލުތައް ގެންނަން އެއްބަސްވިކަން ހާމަ ކުރެއްވީ ހޯމް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ ގައިދީންނަށް ހަމަޖައްސައިދޭން ނިންމާފައި ވަނީ ދެ ކޮޓަރި ކަމަށެވެ. އެއީ އައިސޮލޭޝަން ވޯޑުން އެއް ކޮޓަރި އާއި ޕްރައިވެޓް ވޯޓުން އެއް ކޮޓަރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައިދީން ބައިތިއްބަން އެ ކޮޓަރިތަކަށް އިތުރު ބަދަލެއް ނުގެންނަ ކަމަށާއި އެ ކޮޓަރިތަކުގެ ސެކިއުރިޓީ ބަލަހައްޓާނީ ކަރެކްޝަންސް އިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމްލަ ގޮތެއްގައި ބުނާ ނަމަ އައިޖީއެމްއެޗު އިން ކަރެކްޝަންސް ސާވިސް ދެ ފަރާތް ގުޅިގެން ގައިދީންނަށް ދެވޭ ހިދުމަތް އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑުތަން ރަނގަޅުވެގެންދާނެހެން. އަދި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް ވެސް އިތުރަށް ފަސޭހަވެގެންދާނެހެން."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ވަކި އަދަދެއްގެ ނަމްބަރުތަކެއް ގައިދީން ޑޮކްޓަރުންނަށް ދެއްކުމަށް އައިޖީއެމްއެޗު އިން ހަމަޖައްސައިދީފައިވާ ކަމަށެވެ.

"އައިޖީއެމްއެޗު އިން ކަރެކްޝަނަލް ސާވިސްއަށް ހަމަޖައްސައިދިން ހިދުމަތްތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ކަރެކްޝަންސްއަށް ވަކި އަދަދެއްގެ ނަމްބަރުތައް އެކި ބަލިތަކަށް ޑޮކްޓަރުންނަށް ގައިދީން ދެއްކުމަށް ހަމަޖައްސައިދީފައި ވަނީ،"

އޭގެ އިތުރުން، ޖަލުގައި އާންމުކޮށް ގައިދީންނަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ސްޕެޝަލިސްޓު ޑޮކްޓަރުން ޖަލަށް ފޮނުވުމަށް ވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"މީގެ އިތުރުން ޖަލުގައި ތަންކޮޅެއް ގިނައިން އުޅޭ ބަލިތަކަށް، މިސާލަކަށް ހަމުގެ ބަލި އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އެކަހަލަ ބަލިތަކުގައި ޑޮކްޓަރުން ޖަލަށް ޒިއާރަތްކުރައްވައިގެން ވެސް ފަރުވާ ދެއްވާ ގޮތަށް ހަމަޖައްސަވާދެއްވާފައި ވަނީ،" މުނާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން މުނާޒް ވިދާޅުވީ މީގެ ކުރީން، ޖަލުގައި ބިދޭސީއަކު ބަންދުކޮށްފައި ބަހައްޓާ ނަމަ އޭނާއާ މެދު ކަންތައް ކޮށްފައި ވަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. ނަމަވެސް މިހާރު އެމީހުންނަށް ޖަލުގައި ވަކީލުން ހަމަޖައްސައިދީ، އާއިލާއަށް ގުޅަން ފުރުސަތު ދީ، ޖަލުގައި މަސައްކަތްކޮށް އާންމްދަނީ ހޯދަން ވެސް ފުރުސަތު ދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މީގެ ކުރީން ކޮންމެހެން އެޑްމިޓްކޮށްގެން ގައިދީންނަށް ދޭން ޖެހޭ ފަރުވާ ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަދި ކުރީން ގައިދީން ޖެހެނީ ކޮޓަރިއެއް ހުސްވަންދެން ޖަލުގައި މަޑު ކުރަން ކަމަށް ވިދާޅުވި އެވެ.