ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ޕީޕީއެމްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ކޮންގްރެސް ޕާޓީ އުފެއްދުމަށް މަސައްކަތް ކުރަމުންދާ މައްސަލަ ތަހުގީގު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހޯމަ ދުވަހު ހާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.

ދެދުވަސް ތެރޭ މައްސަލަ ނިންމަން އެކުލަވާލި ކޮމެޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި ކޮމިޝަންގެ ވަކީލު، ރިފްއަތު އަބްދުﷲ ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ އާދިއްތަ ދުވަހު އަމިއްލަ ފަރާތަކުން ޕީޕީއެމްގެ މުދަލާއި ތަކެތި ބޭނުންކޮށްގެން ކޮންގެރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ކަމަށާއި އެ މައްސަލަ އެ ކޮމިޝަނަށް ނުބެލޭނެ ކަމަށް މިހާރު އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

"މި މައްސަލަ ހިނގާފައިވާ ގޮތަށާއި މައްސަލައާ ގުޅޭ ގޮތުން ވަށައިގެންވާ އެންމެހާ ކަންތައްތައްކަށް ބަލާލި އިރު، މި މައްސަލަ އަކީ، މީއީ މި މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅައިފައިވާ ގޮތަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކޮމެޓީން ވަނީ ނިންމާފައި،" ކޮމެޓީގެ ރިފްއަތު އަބްދުﷲ ވިދާޅުވި އެވެ.

އަދި ކޮމިޝަނުން އެ ނިންމުން ބަލައިގެނެ، ކޮންގްރެސް ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދަ ނުހިފެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ކޮމެޓީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ އާ ގަވާއިދުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ހުއްދަދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕާޓީ އުފައްދާކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ ޕާޓީ ހަދަން ދިން ހުއްދަ ބާތިލު ކުރެވޭނެ އެވެ.

މައްސަލަ ބެލިގޮތުގެ ތަފްސީލު ދެމުން ކޮމެޓީގެ މެމްބަރު އަދި ގާނޫނީ ވަކީލް، މަހްފޫޒު ސައީދު ވިދާޅުވީ، މައްސަލައިގެ ހަވާލާދީފައިވާ ސިޔާސީ ޕާޓީތަކުގެ އާ ގަވައިދު ގެޒެޓް ކުރެވިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ނަމަވެސް އޭގެ ކުރިން ވަނީ ކޮންގްރެސް ޕާޓީ އުފެއްދުމަށް ހުއްދަ އާއި އެ ޕާޓީގެ ޖަލްސާ ބޭއްވުމަށް ހުއްދަވެސް ދީފައި ކަމަށެވެ.

"އެހެންކަމުން ފަހުން ގެޒެޓް ކުރެވުނު ގަވައިދެއްގެ ދަށުން ކުރިން ހިނގައިފައިވާ ކަންތައްތަކަށް ފިޔަވަޅު އެޅިދާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލު ނުކުރެވޭތީ" އެ މައްސަލަ ނުބަލަން ނިންމީ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

މަހުފޫޒު ވިދާޅުވީ، މައްސަލަ ނުބެލޭނެ ކަމަށް ނިންމި ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ކަންކަމަކީ ހަގީގަތެއް ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން [މައްސަލަ ހުށަހެޅި ފަރާތުގެ ބަހާއި ކޮންގްރެސް ޕާޓީގެ ބަސް] ބަލާލިއިރު، މައްސަލައިގައި ހުށަހަޅައިފައިވާ ހަގީގަތްތައް އެގޮތުގައި ހުރިކަން ފާހަގަ ކުރެވުނު،" މަހުފޫޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންގްރެސް ޕާޓީ އުފެއްދުމަށް ޕީޕީއެމްގެ އޮފީސްގެ ގޮތުގައި އިލެކްޝަން އިން ރަޖިސްޓްރީ ކޮށްފައިވާ އިމާރާތް ބޭނުން ކުރަމުން ދިޔުމާއި ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނޭ ގިނަ ބޭފުޅުން އިސްކޮށް ހަރަކާތްތެރިވި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.