ސްޓޮކްހޮމް (އޮކްޓޯބަރ 8): މި އަހަރުގެ ސުލްޙައިގެ ނޮބެލް އިނާމް ތިން އަންހެނަކަށް ދިނުމަށް ހަމަޖައްސައިފި އެވެ. ނޮބެލް އިނާމްތަކަށް މީހުން އިޚްތިޔާރުކުރާ ކޮމިޓީން މިއިނާމް ދިނުމަށް އިޚްތިޔާރުކުރި ތިން އަންހެނުންނަކީ ޔަމަނަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ތަވައްކަލް ކަރްމާން، ލައިބީރިޔާގެ ރައީސާ އީލީން ޖޯންސަން އަދި ލައިބީރިޔާގެ އެކްޓިވިސްޓެއް ކަމަށްވާ ލީމާ ގޮބީ އެވެ.

މި ތިން އަންހެނުންނަށް ސުލްޙައިގެ ނޮބެލް އިނާމް ދިނުމަށް ހަމަޖެއްސީ އެކަނބަލުންގެ ޤައުމުތަކަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށާއި އަންހެނުންނަށް ސިޔާސީ ޙައްޤުތައް ހޯދައިދިނުމަށް ސުލްޙަވެރިކަމާ އެކު މަސައްކަތް ކުރުމުގައި އެކަނބަލުން އަދާކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ނޮބެލް އިނާމާބެހޭ ކޮމިޓީން ބުނެއެވެ.

ދިމުޤްރާތީ އިސްލާޙްތަކާއި ދާއިމީ ސުލްހަ ޤައުމުތަކަށް ގެނެވޭނީ އެކަންކަމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށް ވެސް ލިބިގެން ކަމަށް ނޮބެލް އިނާމާ ބެހޭ ކޮމިޓީން ނެރުނު ބަޔާނެއް ބުނެ އެވެ.[

ސުލްޙައިގެ ނޮބެލް އިނާމަށް ހޮވުނު ޔަމަންގެ ތަވައްކަލް ކަރްމާން އަކީ ޔަމަންގެ އަންހެން ނޫސްވެރިންގެ ޖަމްޢިއްޔާތަކުގެ އިއްތިޙާދުގެ ރައީސާއެވެ. އޭނާއަކީ "ޢަރަބް ސްޕްރިންގް"ގެ ނަމުގައި ޢަރަބި ޤައުމުތަކުގެ ރައްޔިތުން އެޤައުމުތަކަށް އިސްލާޙްތައް ގެނައުމަށް މިއަހަރުގެ ޖަނަވަރީން ފެށިގެން ކުރިޔަށްދާ އިސްލާޙީ ހަރަކާތްތައް ފެށުމާއި ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވާ އަންހެން އެކްޓިވިސްޓެކެވެ.

"ޢަރަބް ސްޕްރިންގް"ގައި ތަވައްކަލްގެ ދައުރު ފެންނަމުން ދަނީ އޭނާގެ ޤައުމު ކަމަށްވާ ޔަމަން ގައެވެ. އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ އަޅުވެތި ކަމާއި އަނިޔާވެރިކަމުން ސަލާމަތް ވުމަށް އެމެރިކާގެ ޒުވާނުން ވޯލްސްޓްރީޓާ ދެކޮޅަށް މިހާރު ފަށާފައިވާ މުޒާހަރާތަކާއި އިސްލާހްގެ މަސައްކަތަކީ ވެސް ޢަރަބި ޒުވާނުން ނަމޫނާއަކަށް ބަލައިގެން ޢަރަބި ޒުވާނުންގެ ހިއްވަރުން ހިއްވަރު ލިބިގެން އެމެރިކާގެ އަނިޔާވެރި ރައުސްމާލީ ނިޒާމަށް އިސްލާޙްތައް ގެނައުމަށް ކުރިޔަށްދާ އިސްލާޙީ މަސައްކަތްތަކެއް ކަމަށް މުޙައްލިލުން ސިފަކުރައްވަ އެވެ.

ސުލްހަިއގެ ނޮބެލް އިނާމަށް ހޮވުނު ލައިބީރިޔާގެ ރައީސާ އީލީން ޖޯންސަން އެޤައުމުގެ އެކްޓިވިސްޓެއް ކަމަށްވާ ލީމާ ގޮބީ އަކީ އެޤައުމުގެ އަހްލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ދެބޭފުޅުންނެވެ. (ނޫސް އެޖެންސީތައް)