30 Jan 2019, 13:57
އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުމަށް ކޯޓުން ދިން މުއްދަތު އިތުރުކުރުމަށް އިސްތިއުނާފް ކުރުމަށް ނިންމައިފިއެވެ.
އިމާރާތް ކުރުމުގެ ގަވައިދާ ބެހޭގޮތުން ހިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު ފެށި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ގަވައިދުތައް އަންނަ މާޗް 31 ގެ ނިޔަލަށް ހެދުމަށް ކޯޓުން އަމުރުކޮށްފައި އޮތް ނަމަވެސް، އެ މުއްދަތު އިތުރުކުރުމަށް އިސްތިއުނާފް ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
އެ ގަވާއިދުތައް ހަދަން ސިވިލް ކޯޓުން އަމުރުކުރީ އިމާރާތް ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ މަހު ބަންގްލަދޭޝްގެ ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު، އެ ގަވާއިދުތައް ހަދަން އަމުރުކޮށް ދިނުމަށް އެދި ވަކީލުންތަކެއް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

އިމާރާތް ކުރުމުގެ ގަވައިދާ ބޭހޭގޮތުން ހިޔާލު ހުށަހެޅުމަށް މިއަދު ފެށި ކޮންފަރެންސްގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މުހައްމަދު އަވުޝަން އިލްޔާސް
ކޯޓުން ވަނީ ސަލާމަތީ މިންގަނޑުގެ ދަށުން 13 ގަވައިދެއް ހެދުމަށް އަމުރުކޮށްފައެވެ. އޭގެ ތެރެއިން ސަލާމަތީ މިންގަނޑުގެ ގަވާއިދު މާދަމާގެ ކުރިން ގެޒެޓް ކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
"ބައެއް ބޭފުޅުންނާ އަޅުގަނޑު ވަކިވަކިން ވާހަކަދެއްކީމާ ވިދާޅުވޭ އެ 13 ގަވައިދު އެކީގައި ނިންމުމަށް ބޭނުންވެޔޭ ހަމަހެއްހާ ދުވަސް. ދެން ހަމަސް އަޅުގަނޑަކަށް ނެތް ކޯޓުން ދީފައެއް. އަޅުގަނޑު އެޕީލަކަށް ދާނަން. އަޅުގަނޑު އެޕީލަކަށް ދިޔައިމާ ވާނެގޮތެއް އަޅުގަނޑަކަށް ނޭނގޭ. އެއްގޮތަކީ މާޗް 31 އަށް ހަމައަށް ހުރިހާ ގަވައިދެއް ނިންމަންޖެހޭ. އެހެންވީމާ އެޕީލަކަށް ގޮސްގެން ހަ މަސް އިތުރުކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން" އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބާކީ ހުރި ގަވައިދު ހަދަން ހަ މަސް ލިބުނަސް ގަވައިދުތައް ހަދާނީ ވަކި ތާވަލެއްގެ ދަށުން ކަމަށެވެ. އެގޮތުން ވަކި ގަވައިދުތަކެއް ވަކި މަހެއްގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރުމުގެ ވިސްނުމެއް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.