ރިޔާޟު (ޖެނުއަރީ 30): ސައުދީ އަރަބިއާގެ ޖިއްދާގައި ފުރަތަމަ ފަހަރަށް ސިނަމާއެއް ހުޅުވައިފި އެވެ.

ޖިއްދާގެ ރެޑް ސީ މޯލްގައި ހުޅުވި ވޮކްސް ސިނަމާއިން ކޮންމެ ހަފްތާއަކު އާ ހަ ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިހަފްތާ ތެރޭ ދައްކާ ފިލްމުތަކުގެ ތެރޭގައި ގްލާސް، މޭރީ ޕޮޕިންސް ރިޓާންސް އަދި ހައު ޓު ޓްރެއިން ޔުއާ ޑްރެގަން ހިމެނެ އެވެ. އަދި އެސިނަމާގައި އާއިލަތަކަށާއި ފިރިހެނުންނަށް ވަކިން ފިލްމު ދެއްކުން އޮންނާނެ އެވެ.

ސައުދީ އަރަބިއާގައި ސިނަމާތައް މަނާކޮށްފައި އޮންނަތާ 35 އަހަރު ފަހުން އެގައުމުން ފުރަތަމަ ސިނަމާ ހުޅުވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ވެރިރަށް ރިޔާޟުގައި އެވެ.

ސައުދީ އަރަބިއާ އިން 2030 އަށް ކަނޑައަޅާފައިވާ ތަސައްވަރުގެ ދަށުން، އެގައުމުގެ އަމާޒަކީ މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާ ކޮށް އެ އަހަރު އަންނަންވާ އިރަށް އެގައުމުގައި 350 ސިނަމާ ހުޅުވުމެވެ. އޭގެ ސަބަބުން އެގައުމުގެ އިގުތިސާދަށް 24 ބިލިއަން ޑޮލަރު ލިބި، 30،000 ވަޒީފާ އުފެދޭނެ ކަމަށް ސައުދީން ލަފާ ކުރެ އެވެ.