ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކ. ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި އުމުރުން ދުވަސްވީ މީހަކު ރޭ މަރުވެއްޖެ އެވެ.

ރޭ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ނ. މަގޫދޫ ޗާންދަނީވިލާ އަލީ އިސްމާއިލް، 85، ކެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މީހަކު ރޭ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވިކަން އެ މިނިސްޓްރީ އިން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. އެ މިިނިސްޓްރީން ބުނީ އެމީހާއަކީ އަޅާލާނެ އެއްވެސް މީހެއް ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދުވުނު މީހެއް ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ވެސް ޖެންޑަ މިނިސްޓްރީން ބުންޏެވެ. އޭނާއަކީ ފުއްޕާމޭގެ ބައްޔަށް ބޭސްކުރަމުންދާ މީހެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން އެމީހާއަކީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބަލި ހާލަތު ހުރި ގޮތުން ހިނގާ ނޫޅެވޭ މީހެކެވެ. އަދި އޭނާ ދަުއލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ވަރަށް ފަހުންކަން ވެސް އެނގިފައިވެ އެވެ.

އެޗްއާރުސީއެމުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރޭ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ދުވަސްވީ މީހެއްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެއީ ޖެންޑަ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.