30 Jan 2019, 12:17
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑްއާ ވާދަކޮށް މިދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިވުމާ ގުޅިގެން ލީގު ހޯދުމަށް އިތުރު ދަތި ތަކާ އެ ޓީމު ކުރިމަތިލާން ޖެހިއްޖެއެވެ.
ނިއު ކާސަލްގެ ދަނޑުގައި ކުޅުނު އެ މެޗު 1-2ގެ ނަތީޖާއަކުން ސިޓީ ބަލިވެފައި ވާ އިރު އެއްވަނައިގައި އޮތް ލިވަޕޫލް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ހަތް ޕޮއިންޓުގެ ފަރަގެއް ދެ ޓީމުގެ ދެމެދުގައި ގާއިމް ވާނެއެވެ. ރޭގެ މޮޅާ އެކު ނިއުކާސަލް ވަނީ ތާވަލުގެ 14 ވަނައަށް ޖެހިލާފައެވެ.

މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ރުސެލް ގުރީވްސް
މެޗު ފެށުނުތާ އެންމެ 24 ސިކުންތުގެ ތެރޭގައި ސިޓީއިން ވަނީ ލަނޑެއް ޖަހައިފައެވެ. ސާޖިއޯ އަގުއޭރޯ ޖަހައިދިން މި ގޯލަކީ މި ސީޒަނުގައި ފެނިގެން ދިޔަ އެންމެ އަވަސް ގޯލެވެ. ނަމަވެސް އެ ގޯލާއި އެކު މެޗު ފަސޭހަ ކޮށްލައިގެން ސިޓީގެ ކުޅުންތެރިން ތިއްބާ ނިއުކާސަލް އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި ސިޓީ ސިއްސުވާލާފައެވެ.
ކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކަށް ވެސް ކޯޗުކަން ކޮށްދީފައިވާ ޕެޕް ގާޑިއޯލާއަށް ރޭގެ މެޗަކީ ޚާއްސަ މެޗެކެވެ. ސަބަބަކީ ރޭގެ މެޗަކީ ގާޑިއޯލާ ޕްރިމިއާ ލީގުގައި ސިޓީއަށް ކޯޗުކަން ކޮށްދިން 100 ވަނަ މެޗު ކަމަށް ވާތީއެވެ. ނަމަވެސް އެ މެޗު ނިމިގެން ދިޔައީ މާޔޫސް ކަމުގެ ތެރޭގައެވެ.
"ހުރިހާ ފަހަރަކު ބޭނުން ގޮތަކަށް ކަންތައް ވެގެން ނުދާނެ. މި މެޗުން މޮޅުވެގެން ފަރަގު ކުޑަކުރަން [އެއްވަނައިގައިވާ ލިވަޕޫލްއާ ދެމެދުގެ ފަރަގު] ފުރުސަތު ލިބުނު. އެކަން ކާމިޔާބު ނުވީމަ ކުރިއަށް ހުރި މެޗުތަކުން މޮޅުވާން ޗެލެންޖެއް ގޮތުގައި ނެގުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ދެން މަސައްކަތް ކުރަންވީ،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުންޏެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ވަނީ ފޯރިގަދަ އިތުރު މެޗު ތަކެއް ވެސް ކުޅެވިގެން ގޮސްފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑް އަދި ބާންލީ ކުޅުނު ވާދަވެރި މެޗު ނިމިގެން ދިޔައީ 2-2 ގެ ހަމަ ހަމަ ނަތީޖާއަކުންނެވެ.

މެންޗެސްޓާ ޔުނައިޓެޑް އަދި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ޖޭމީ ސްމިތް
އެ މެޗުގައި ފުރަތަމައިން ގޯލް ޖަހައި ލީޑު ނެގީ ބާންލީއެވެ. އަދި އޭގެ ފަހުން އިތުރު ގޯލެއް ޖަހައި ބާންލީއިން މެޗުން މޮޅުވާނެ ކަން ޔަގީންކޮށްގެން ތިއްބާ ފަހު ވަގުތު ޔުނައިޓެޑުން ވަނީ މަތި މައްޗަށް ދެ ގޯލް ޖަހައި ނަތީޖާ ހަމަ ހަމަކޮށްފައެވެ.
މީގެ އިތުރުން އާސެނަލް އިން ވަނީ އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅެ ކާޑިފް ސިޓީގެ މައްޗަށް ކުރި ހޯދައިފައެވެ. ކާޑިފް ސިޓީއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި އާސެނަލް ވަނީ ދެ ގޯލު ޖަހައިފައެވެ. ރޭގެ މޮޅާ އެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.