އިމާރާތް ކުރުމުގެ ގަވައިދާ ބެހޭ ގޮތުން ހިޔާލު ހުށަހެޅުމަށް ސްޓެލްކޯގެ ޓްރެއިނިން ރޫމްގެ ބިލްޑިންގްގައި މިއަދު ހެނދުނު ބައްދަލުވުމެއް ފައްޓައިފި އެވެ.

މީގެ ކުރިން ވެސް މިމަހުގެ 19 ވަނަ ދުވަހު އެ ފަދަ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. މިއީ އެގޮތުން ބާއްވާ ދެވަނަ ބައްދަލުވުމެވެ. އެ ބައްދަލުވުން މިއަދު ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތައް ޑްރާފްޓްކޮށް އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންނާއި ޖަމިއްޔާތައް އަދި އެ ގަވައިދުތަކުގެ ސްޓޭކް ހޯލްޑަރުންގެ ހިޔާލުތަކުގެ ކޮމެންްޓް ހުށަހެޅުމަށް ހަަމަޖެހިފަިއވާ ކަމަށެވެ.

އިމާރާތް ކުރުމުގެ ގަވައިދާ ބެހޭ ގޮތުން ހިޔާލު ހުށަހެޅުމަށް މިއަދު ފެށި ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަވުޝަން އިލްޔާސް

އެގޮތުން އިމާރާތް ކުރުމާ ބެހޭ ގަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާނެ ދަތިތައް ފާހަގަކޮށް އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ގަވައިދުގައި ހިމެނިފައި ނުވިޔަސް އަދި ކުރުުމުއްދަތެއްގައި އަދި ދިގު މުއްދަތެއްގައި ގަވައިދަށް އިތުރުކުރެވިދާނެ ބައިތަކާ މެދު ހިޔާލު ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އިމާރާތްކުރުމާ ބެހޭ ގޮތުން ކޮންފަރެންސްއެއް މިހާރު ކުރިއަށް ދާއިރު، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވާއިދު މި މަސް ނިމުމުގެ ކުރިން ހަދައި އާންމު ކުރަން ދާދި ފަހުން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ގަވާއިދުތައް ހަދަން ސިވިލް ކޯޓުން އަމުރުކުރީ އިމާރާތް ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ މަހު ބަންގްލަދޭޝްގެ ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު، އެ ގަވާއިދުތައް ހަދަން އަމުރުކޮށް ދިނުމަށް އެދި ވަކީލުންތަކެއް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.