ދިވެހިރާއްޖޭގައި ގޯތި ދިނުމުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް ގަބޫލު ކުރެވެއެވެ. އެހެން ނަމަވެސް ގޯތި ލިބުމާއި ގެދޮރު ލިބުމުގައި ހުރި ދަތިތަކަށް އަދިވެސް ހައްލެއް ނާދެއެވެ. ގޯތި ދިނުމުގެ ސިޔާސަތަށް ބަލާއިރު ކޮންމެހެން ވިސްނާލަން ޖެހޭ ނުކުތާތަކެއް އެބަ ހުށްޓެވެ. ފުރަތަމަ ރާއްޖެތެރޭގެ މާހައުލަށް ބަލާއިރު ފެންނަމުންދަނީ ރަށްތައް ތޮއްޖެހި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ތަނެއްވެސް ނެތި ފުރެމުންދާ ތަނެވެ.

ކޮންމެ މީހަކަށް ގޯއްޗެއް ދީގެން ރަށުގެ ހުސްޖާގަ ފުރާލަމުން ދާއިރު އަޅުގަނޑުމެންގެ ވިސްނުން އެހެން ގޮތަކަށް ބަދަލުކުރަން ނުޖެހޭބާވައޭ ހިތަށް އަރައެވެ. ގެދޮރުގެ ވިސްނުން ފުލެޓް ނިޒާމަށް ބަދަލުކުރުމަކީ ބިމުގެ ދަތިކަމުގެ މައްސަލައަށް އޮތް ހައްލެވެ.
~
މިހާރު ހަމަ އެކަނި ފްލެޓްތައް އަޅާފައިވަނީ މާލެ ސަރަހައްދުގައި ކަމަށް ވިޔަސް ތޮއްޖެހި ފުރެމުންދާ ރަށްރަށުގައި ފުލެޓްތައް އެޅުމަކީ އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އިތުރު ހިދުމަތް ތަކާއެކު ފެންވަރު ރަނގަޅު ރަށެއް ތައްޔާރު ކުރުމަށް އެންމެ އެކަށީގެންވާ އުސޫލެވެ. އެކަން އެންމެ ރަނގަޅަށް ފެންނަމުންދަނީ ހުޅުމާލެ އާއި ވިލިނގިލީގައި ތައްޔާރު ކޮށްފައިވާ ފުލެޓް ތަކުންނެވެ.

ވިލިގިލީގައި ތައްޔާރު ކޮށްފައިވާ އެދުރުވެއްސަކީ ކުޑަކުޑަ ބިންކޮޅެއްގައި ތައްޔާރު ކޮށްފައިވާ ހިތްގައިމު ފްލެޓެކެވެ. އެތަނުގައި 1100 ވަރަކަށް މީހުން ދިރި އުޅޭ ކަމަށް މައުލޫމާތު ލިބެއެވެ. ވިސްނާލަން ރަނގަޅު ނުގުތާއަކީ ދިވެހިރާއްޖޭގައި 1000 މީހުންވެސް ހަމަނުވާ ވަރަށް ގިނަ ރަށްރަށް ހުރިކަމެވެ. މިގޮތަށް ރަށްރަށުގެ ބޯހިޔާވަހިކަމުގެ ކަންތައް ބައްޓަން ކުރަން ފަށައިފިނަމަ ކުޑަ ތަންކޮޅަކުން ބޯހިޔާ ކުރުމުގެ ކަންތައް ހަމަޖެހޭއިރު ރަށުގެ ބޮޑުބަޔަކީ ހިތް ފަސޭހަ ބަގީޗާއެއްގެ ގޮތުގައި ތައްޔާރު ކުރެވިދާނެއެވެ. ވިލިނގިލީގެ އިތުރުން ހުޅުމާލެއަށް ބަލާއިރު މިހާރު 15000 މީހުންގެ އާބާދީއެއް ދިރިއުޅޭނޭ ކަމަށް ޤަބޫލު ކުރެވެއެވެ. ފަނަރަ ހާސް މީހުން ދިރިއުޅޭ ސަރަހައްދަކީ ހިތްހަމަ ޖައްސާލުމަށް ދަތުރު ދާ ރަށެއްހާ ކުޑަ އޭރިޔާއެއްގައި އާބާދު ކޮށްފައިވާ ސަރަހައްދެކެވެ. އެހެން ނަމަވެސް އަތޮޅުތަކުގައި 2000 މީހުންވެސް ހަމަނުވާ ރަށްރަށުން ބިންހުސްވެގެން އެކަމުގެ ޝަކުވާކުރާ އަޑު އިވޭލެއް މަދެއްނޫނެވެ. އަދި ބިން ހިއްކުމަށް ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އެތައް ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަންތައް ވެސް ތައްޔާރުކުރެވެމުންދަނީ މިހާރު ބޯހިޔާވަހިކަމުގެ ސިޔާސަތު ހަމަޖެހިފައި އޮތްގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަށްފުރޭތީއެވެ.

އެހެން ކަމުން ގޯތި ގެދޮރުގެ ސިޔާސަތުގައި ފްލެޓް ދޫކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު އުސޫލު ކަމަށް ގަބޫލު ކުރެވެއެވެ. އާބާދީ ތޮއްޖެހެމުންދާ ރަށްރަށުގައި ފްލެޓް އަޅައިފި ނަމަ އެރަށް ރަށުގެ ބިން އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވޭނެއެވެ.

ފްލެޓް ދިނުމުގެ ސިޔާސަތަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކަށް ބެލިނަމަވެސް ވަރަށް ކާމިޔާބު ގޮތެއްގައި ހިނގަމުން އަންނަ ސިޔާސަތެކެވެ.

އެކަން އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް ފެންނަމުންދާ އެއް ތަނަކީ ބިންކުޑަ އަދި ގުދުރަތީ މާގިނަ ވަސީލަތެއް ލިބިފައި ނެތެއްކަމަކު ތަރައްގީގެ މަގުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކާ ވެސް ވާދަ ކުރަމުން އަންނަ ސިންގަޕޫރުންނެވެ. އެގައުމަކީ ބޯހިޔާކުރުމުގެ ކަންތައް ހަމަ ޖެއްސުމުގައި ފްލެޓް ދިނުމުގެ ސިޔާސަތު ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާ ގައުމެކެވެ.

ފްލެޓްގެ ބަދަލުގައި ކޮންމެ މީހަކަށް ރަށުން ގޯއްޗެއް ދީ ރަށުގެ ބިން ހުސްކޮށް މުޅިރަށް ކޮންކްރިޓް ގަނޑަކަށް ހަދާލާއިރު އެކަމުގެ ސަބަބުން ރަށުގައި އިތުރު ވަސީލަތްތައް ގާއިމް ކުރާނޭ ބިން ހޯދުމަކީ ރާއްޖެ ކަހަލަ ބިން ކުޑަ ގައުމެއްގައި ވަރަށް ދަތި ކަމަކަށް އޮންނަނީ ވެފައެވެ.

ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެކިރަށްރަށުގައި މީހުން ދިރިއުޅެމުން ދިޔަނަމަވެސް އަހަރެމެން ކޮންމެ މީހަކީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހިންނެވެ. އެކަމަކު އެމީހަކު ރަށްވެހިވެފައިވާ ރަށަކުން ނޫން ގޮތަކަށް ބިމެއްވެސް ލިބޭނޭ ގޮތެއް ނޯވެއެވެ. މިހާރުގެ ގާނޫނު އަސާސީ އޮތް ގޮތުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ކޮންމެ ރަށަކުން ވެސް ގޯތި ލިބޭނެ ގާނޫނީ މަގު ފަހިވެފައިވެއެވެ. އެހެން ނަމަވެސް ރަށްތަކުގެ ހިންގުން ކައުންސިލްތަކުގެ ދަށަށް ބަދަލުވެގެން ދިއުމަށް ފަހު ގިނަ ކައުންސިލްތަކުގެ ހިޔާލު އަދިވެސް ހުރީ ރަށުގެ ރަށްވެހީން ނޫން ބަޔަކަށް ގޯތި ނުދޭން ކަމަށް ވާނަމަ، މިއީ ހަމަޖެހޭ އުސޫލެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކުރީން ވެސް އެމީހަކު ބޭނުން ރަށެއްގައި ބޯހިޔާވަހިކަން ހޯދޭނެ އުސޫލު ގާއިމްވެފައި އޮތްނަމަ އާބާދީއާއި ތަރައްގީ އެއްފަސްކުރުމަކީ ބޮޑު އަރަތަކަށް ނުވަތަ ހަރަދުބޮޑުކަމަކަށް ވެގެން އުޅޭކަށް ވެސް ނުޖެހުނީހެވެ.

މިހާރު އެއްފަސްކުރުމުގެ ސިޔާސަތު އޮންނަ ގޮތުން ރަށެއްގެ މުޅި ރައްޔިތުން އެކަމަށް އެއްބަސްވެގެން ނޫނީ އެކަން ކުރިޔަށް ގެންދެވޭނޭ ގޮތެއް ހަމަޖެހިފައެއް ނޯވެއެވެ. ރަށެއްގެ ހުރިހާ ރައްޔިތުން މިކަހަލަ ކަމެއްގައި އެއްބަސްވާނީ ވަރަށް މަދު ފަހަރަކުއެވެ. ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެމުން އައި ނަމަ އެހެން މީހުންނަށް ވެސް އެކަމުގެ ލާބައާއި މަންފާ އެނގި އެކަމަށް ތަރްހީބު ދޭން ފަށާނެއެވެ. އޭރުން މަޖްބޫރު ކުރުމަކާ ނުލައި އަދި ބޮޑު ހަރަދެއް ކުރުމަކާ ވެސް ނުލައި އެއްފަސްކުރުމުގެ ސިޔާސަތުދާނީ ކުރިޔަށެވެ. އެއްފަސްކުރުމުގެ ސިޔާސަތާއި ގޯތިގެދޮރު ދިނުމުގެ ސިޔާސަތާއި މިހާރު ގޯތިދޫކުރާ އުސޫލު ބަދަލުކޮށްގެން ނޫނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނާންނާނެއެވެ.