އިޖުތިމާއީ ދާއިރާގައި ރާއްޖެއަށް އެންމެ މުހިންމު އެއް ބައިވެރިޔަކީ އިންޑިއާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ، އޭނާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ވިވަކަންޑަން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށް މޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ންޑިއާގެ ވިވަކަންޑަން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށް މޭޒު ޖަލްސާގެ ތެރެއިން -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އެ ޖަލްސާގައި އޭނާ ވިދާޅުވީ، އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ދެމިގެން ގޮސްފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެއްގޮތް ސަގާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާ ކުރާ ކަމަށެވެ. އެގޮތުން، އިޖުތިމާއީ ދާއިރާއިންނާއި އަންހެނުންގެ ތަރައްގީއަށާއި އަންހެނުން ބާރުވެރި ކުރުމަށް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިދާތާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ، އަންހެނުންނަށާއި ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތައް ސަމާލުކަމަށް ގެނުވައި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތް ހިއްސާ ކުރައްވާފައެވެ.

އޭގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވުމަށާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކުގެ މައުލޫމާތު ވެސް އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ.