30 Jan 2019, 09:33
އަޑު ނުލައި ކަޅާއި ހުދުގެ ފިލްމަކުން ފެށުނު އިންޑިއަން ސިނަމާގައި ކުލަ ޖެހި، ހިތްގައިމު ލަވަތައް ހިމަނައިގެން މުނިފޫހިފިލުވުމުގެ ދާއިރާ މުޅިން ބަދަލުކޮށްލި ގޮތުގެ ދިގު ތާރީޚު ދައްކުވައިދިނުމަށް ނޭޝަނަލް މިއުޒިއަމް އޮފް އިންޑިއަން ސިނަމާގެ ނަމުގައި ދާރުލްއާސާރެއް ހުޅުވައިފިއެވެ.
އިންޑިއާގެ މުމްބާއީގައި ހުޅުވި އެ ދާރުލްއާސާރަކީ އެ ގައުމުގެ ފުރަތަމަ ފިލްމު މިއުޒިއަމް އެވެ.
ފަސް ބުރީގެ ބޮޑު އިމާރާތުގައި އެންމެ ފުރަތަމަ އުފެއްދި ފިލްމުން ފެށިގެން އެންމެ ފުރަތަމަ ފިލްމު އުފެއްދުމަށް ބޭނުން ކޮށްފައިވާ ސާމާނުތައް ވެސް ފެންނަން ހުންނާނެއެވެ.
"މި ދާރުލްއާސާރުން ދައްކުވައިދޭނީ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ އިންޑިއަން ސިނަމާ އިން މިހާތަނަށް ހޯދައިފައިވާ ކާމިޔާބީ ތަކާއި، މިއަދު އިންޑިއަން ސިނަމާ އޮތް ހިސާބަށް ކުރި ދަތުރު،" ޕްރޮޖެކްޓު އިސް ފަރާތަކުން ބުނެފައިވެއެވެ.
ސަރުކާރުން ފަންޑު ކުރި އެ ޕްރޮޖެކްޓަށް 19.6 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވިއެވެ.
"ބޮލީވުޑް" އަކީ ހިންދީ ފިލްމުތަކަށް ދީފައިވާ ވަނަން ކަމުގައި ވީނަމަވެސް މި ދާރުލްއާސާރުގައި އިންޑިއާގެ ހުރިހާ ހިސާބެއްގެ ފިލްމުތައް ހުންނާނެއެވެ.
ދާރުލްއާސާރުގައި އިންޑިއާގެ ފުރަތަމަ ދިގު ފިލްމު 'ރާޖާ ހަރީޝްޗަންދުރަ'، ފުރަތަމަ ޑަބް ކުރި ފިލްމު އަދި އެންމެ ކުރީގެ ލަވަކިޔުންތެރިންގެ މައުލޫމާތު ވެސް ހުންނާނެއެވެ. ހަމައެއާއެކު، ބޮލީވުޑުގެ އައިކޮން ރާޖް ކަޕޫރުގެ ވެކްސް ސްޓެޗޫ އާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.