ވޮޝިންޓަން(ޖަނަވަރީ 30): އުތުރުކޮރެޔާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ ވާހަކަތައް ކުރިޔަށް ގެންދިޔަނަމަވެސް އެގައުމުން ނިއުކްލިޔަރ ހަތިޔާރާއި އޭގެ ޓެކްނޮލޮޖީ އެއްކޮށް ނައްތާލުމަކީ ކުރެވޭނެ ކަމެއްކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސާ ބެހޭ އިދާރާގެ ވެރިޔާ ޑެނިއަލް ކޯޓްސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެނެޓްގެ ޖާސޫސީ ކަންތައްތަކާބެހޭ ސަބް ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކޯޓްސް ވިދާޅުވީ އުތުރުކޮރެޔާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ ވާހަކަތައް ފެށުމާއެކު އެގައުމުގެ ސުލޫކުވަނީ ރަނގަޅުވެފައި ކަމުގައެވެ. މިގޮތުން ޖެއްސުން ކުރުމުގެ ގޮތުން ދޭތެރެއަކުން ނިއުކްލިޔަރ ބޮން ޓެސްޓްކުރުމާއި ބަލެސްޓިކް މިސައިލް ތަޖްރިބާކުރުންފަދަ ކަންކަން ކުރުން އެގައުމުން މުޅިން ހުއްޓާލައިފިކަމަށް ކޯޓްސް ވިދާޅުވިއެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައުގައި ޒިންމާދާރު ކަމާއެކު އެހެން ގައުމުތަކާ ގުޅިގެން އެކުވެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ރޫހު އުތުރުކޮރެޔާގެ ކިބައިން މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް ކޯޓްސް ވިދާޅުވިއެވެ.

ކޯޓެސް އިތުރަށް ވިދާޅުވީ އުތުރުކޮރެޔާގެ ހަތިޔާރު ނައްތާލުމުގެ ވާހަކަތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވިއްޖެނަމަ އެގައުމުން ދުރުރާސްތާގެ ބަލިސްޓިކް މިސައިލް އުފެއްދުން ހުއްޓާލައި ނިއުކްލިޔަރ ހަތިޔާރުގެ ބޮޑުބައިވެސް ނައްތާލައި ދެކުނު ކޮރެޔާއާއި ޖަޕާނާއި އެމެރިކާއަށް ޖެއްސުން ކުރުމަށް ހިންގާ އަމަލުތައްވެސް އެއްކޮށް ހުއްޓާލާނެ ކަމުގައެވެ. ނަމަވެސް ނިއުކްލިޔަރ ޓެކްނޮލޮޖީގެ ބައެއް ސިއްރިޔާތުގައި އެގައުމުން ފޮރުވާފައި ބެހެއްޓުމަކީ ވަރަށް ގާތްކަމެއްކަމަށް ކޯޓްސް ވިދާޅުވިއެވެ.

މިގޮތުން އުތުރު ކޮރެޔާގައި ނިއުކްލިޔަރ ސައެންސްވެރިންގެ ބޮޑު ޓީމެއް އޮތްއިރު އޭގެ އިލްމާއި ޓެކްނޮލޮޖީ އެގައުމުން ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ކަމަށް ކޯޓްސް ވިދާޅުވިއެވެ. އަދި ނިއުކްލިޔަރ ހަތިޔާރު ނައްތާލިނަމަވެސް އުތުރު ކޮރެޔާ އޮންނާނީ ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެ ފެންވަރެއްގައިކަންވެސް ކޯޓްސް ފާހަގަ ކުރެއްވިއެވެ.

އަދި އުތުރު ކޮރެޔާގެ ނިއުކްލިޔަރ ހަތިޔާރަކީ އެގައުމުގެ ދިފާއުގެ އެންމެފަހުގެ އައްޑަނަ ކަމަށާއި އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ދެމެހެއްޓޭނެ ހަމައެކަނި ވަސީލަތަކީ ވެސް ނިއުކްލިޔަރ ހަތިޔާރު އެގައުމުގައި ހުރުންކަމަށް އެގައުމު ދެކޭކަން ކޯޓްސް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން އުތުރުކޮރެޔާގެ ބާރާއި ހައިބަތު ދެމެހެއްޓޭނެ އަދި އެހެން ގައުމުތައް އެގައުމު ދެކެ ޖެހިލުންވާނެ ހަމައެކަނި ވަސީލަތަކީވެސް އެއީކަމަށް އުތުރު ކޮރެޔާގެ ލީޑަރުން ދެކެވަޑައިގަންނަވާތީ އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާނުލެވޭނެ ކަމަށްވެސް އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސާ ބެހޭ އިދާރާގެ ވެރިޔާ ވިދާޅުވިއެވެ.

އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ދާދިފަހުންވަނީ އުތުރު ކޮރެޔާގައި ނިއުކްލިޔަރ މިސައިލްގެ ސިއްރު ސައިޓެއް ބިމުއަޑީގައި ހުރިކަމަށް ބުނެފައެވެ. އެއީ ކުރިން ނޭނގޭ ސައިޓެއްކަމަށާއި އުތުރު ކޮރެޔާއިން ހާމަކުރި ނިއުކްލިޔަރ ސައިޓް ތަކާއި މަރުކަޒުތަކުގެ ތެރޭގައި އެތަން ނެތްކަމަށްވެސް އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާ ބެހޭގޮތުން އުތުރު ކޮރެޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އުތުރު ކޮރެޔާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުސޫލެއްގެ ގޮތުން އެގައުމު ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެކަމަށް އެގައުމުންވަނީ ޝަރުތުތަކެއް ހުށަހަޅާފައެވެ. މީގެތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމާއި އިގްތިސާދީ ބޮޑެތި އެހީތައްވެދިނުމާއި އުތުރު ކޮރެޔާއަށް ބޭނުންވާ ސަލާމަތީ ގެރެންޓީ ދިނުންފަދަ ކަންކަން ހިމެނެއެވެ. (ނޫސްއެޖެންސީތައް)