30 Jan 2019, 09:21
ކަރާކަސް(ޖެނުއަރީ 30): ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ގައުމުން ބޭރަށް ފުރައިގެން ދިޔުން އެގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފިއެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް ތާއިދު ކުރާ ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓުން އެފަދައިން ނިންމީ ގުއައިޑޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލް ތާރިކް ވިލިއަމް ސާބް އެދިލެއްވުމުންނެވެ. އަދި އެކޯޓުން ވަނީ ގުއައިޑޯގެ މުދަލާއި ފައިސާ ހިފަހައްޓަން ވެސް އަމުރުކޮށްފައެވެ.
އެ އަމުރުގައި ވަނީ ގައުމުގެ ސުލްހައަށް ގެއްލުންވާ ގޮތަށް އިދިކޮޅު ލީޑަރު އަމަލު ކުރެއްވުމާ ގުޅިގެން، އެމައްސަލައިގެ ތަހުގީގު ނިމެންދެން ގުއައިޑޯއަށް ގައުމުން ބޭރަށް ވަޑައިނުގަނެވޭނެ ކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުން އެއަމުރު ނެރުމުގެ ކުރިން އެމެރިކާއިން ވަނީ އެގައުމުގައި ހުރި ވެނެޒުއޭލާގެ ބޭންކު އެކައުންޓުތަކުގެ ކޮންޓްރޯލު ގުއައިޑޯއަށް ދީފައިވާ ކަމަށް ބުނެފައެވެ. އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ރައީސަކީ މިހާރު ގުއައިޑޯ ކަމަށް ބަލައިގަނެފައެވެ.
މިދިޔަ ބުދަ ދުވަހު ގުއައިޑޯ ވަނީ ވެނެޒުއޭލާގެ ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މަޑޫރޯ ދެވަނަ ދައުރަކަށް އިންތިހާބުވީ ވޯޓު އޮޅުވާލައްވައިގެންނެވެ. އެހެންކަމުން މަޑޫރޯގެ ވެރިކަމަކީ ގާނޫނީ ވެރިކަމެއް ނޫން ކަމުން، ގައުމުގެ ޕާލިމެންޓުގެ ލީޑަރަށް ވެރިކަމަށް އާދެވޭނެއެވެ.
މިމަހުގެ 10 ވަނަ ދުވަހު މަޑޫރޯ ވެރިކަމުގެ ދެވަނަ ދައުރު ފެއްޓެވި ފަހުން ވެނެޒުއޭލާގައި ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެމުޒާހަރާތަކުގައި މިހާތަނަށް 40 މީހުން މަރުވެ އެތައް ސަތޭކަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އދ.އިން ބުންޏެވެ.