ޓެކްސް ނެގުމުގެ ސަބަބުން ވިޔަފާރިތައް ކުރިއަރައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން އަންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ހިންނަވަރު މެކުހަށް" މިނަމުގައި މިރޭ ހިންނަވަރުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
~
ރައީސް ވިދާޅުވީ އިމްޕޯޓް ޑިއުޓީ ނެގުން ހުއްޓާލުމަށްފަހު 3.5 ޕަސެންޓް ޖީއެސްޓީ ނެގުމުން ވިޔަފާރިވެރިންގެ ވިޔަފާރިއަށް ބޭނުންވާ ފައިސާގެ ދައުރު ވަރަށް ބޮޑުތަން ތަނަވަސްވެގެން އަންނާނެ ކަމަށެވެ.
"މިއަދު ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ޓެކްސް ނަގައި އިމްޕޯޓް ޑިއުޓީ ކަނޑާލީމާ އެއިން ވިޔަފާރިއަށް ވެގެންދާ ފައިދާ އެއީ ވިޔަފާރިވެރިން ކުޑަކޮށް ވެސް ވިސްނާލައިފިނަމަ އެއީ ވަރަށް ބޮޑަށް ފައިދާކޮށް ސާފުވެގެންދާނެ ކަމެއް. (އިމްޕޯޓް) ޑިއުޓީ ނެގުން ހުއްޓާލައި 3.5 ޕަސެންޓް ޓެކްސް ނެގީމާ ވިޔަފާރިވެރިޔާގެ ވިޔަފާރިއަށް ބޭނުންވާ ފައިސާގެ ދައުރު ވަރަށް ބޮޑުތަނުން ތަނަވަސް ވެގެންދާނެ. އޭގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރި ކުރިއަރާނެ ވިޔަފާރި ކުރިއެރީމާ ވަޒީފާގެ ފުރުސަތު ބޮޑުވާނެ. ވިޔަފާރިއާ ނުލާ ވަޒީފާގެ ފުރުސަތު ނުއުފެދޭނެ،" ރައީސް ވިދާޅުވިއެވެ.

ހިންނަވަރު ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އާމްދަނީ ނުހޯދައި ސަރުކާރު ދަރަނިވެރިވެގެން އޮންނަ އުސޫލަކީ ސަރުކާރުން ދަންނަ އުސޫލެއް ނޫންކަމަށާއި ދައުލަތަށް ލިބޭ ކޮންމެ އާމްދަނީއެއްގެ ދެގުނަ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުން ވެސް ރައްޔިތުންގެ އަތުން ޓެކްސް ނަގަން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

President Nasheed (mp3)