30 Jan 2019, 08:37
ކަނޑުގެ ހޫނުން ހަކަތަ އުފައްދާ ޓެކްނޮލޮޖީއެއް ކަމުގައިވާ އޯޝަން ތާމަލް އެނާޖީ ކޮންވާޝަން (އޯޓެކް) ބޭނުންކޮށްގެން ރާއްޖޭގައި ކަނޑުގެ ހޫނުން ހަކަތަ އުފެއްދިދާނެތޯ ބެލުމުގެ ދިރާސާތަކެއް ކުރުމަށް ތައްޔާރުވެއްޖެއެވެ.
އޯޝަން ތާމަލް އެނާޖީ ކޮންވާޝަން ނުވަތަ އޯޓެކްއަކީ ކަނޑުގެ ލޮނުގަނޑުގައި ހިފަހައްޓާ އިރުގެ ހޫނު ބޭނުންކޮށްގެން ހަކަތަ އުފައްދާ، އިޔާދަކުރުވަނިވި ހަކަތައިގެ ބާވަތެކެވެ. ރާއްޖެ ފަދަ ޓްރޮޕިކަލް ގައުމުތަކުގެ ކަނޑުގެ ލޮނުގަނޑުތެރޭގައި ހިފަހައްޓާ ހޫނު ކަރަންޓަށް ބަދަލުކޮށް، އަދި އެ ކަރަންޓުން ހަކަތަ އުފެއްދުމެވެ.
ރާއްޖޭގައި މި މަސައްކަތް ކުރެވިދާނެތޯ ބަލަމުން ދަނީ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް އޯޓެކް ރިސޯސެސްއިންނެވެ.
އޯޓެކް ޓެކްނޮލޮޖީއިން ކަރަންޓު އުފެއްދުމަށްޓަކައި ބޭނުންކުރާނީ ކަނޑުގެ ލޮނުގަނޑު މަތީގައި އޮންނަ ފްލޯޓިންގް ޑިވައިސެކެވެ. އެ ޑިވައިސަށް ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިގައިވާ ފެން ނަގައި، އޭގެ އާވި (ވޭޕަރ) ބޭނުންކޮށްގެން ޑިވައިސްގައިވާ ޖެނެރޭޓަރެއް ހިންގާނެއެވެ. މި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން 24 ގަޑިއިރު ކަރަންޓު އުފެއްދޭނެއެވެ.
ގްލޯބަލް އޯޓެކް ރިސޯސެސްއިން ބުނި ގޮތުގައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކުންފުންޏަށް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޯޓެކް ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެތޯ ބެލުމަށް ޖިއޯޓެކްނިކަލް، މީޓިއޮރޮލޮގިކަލް އަދި އޯޝަނޯގްރަފިކް ދިރާސާތަކެއް ކުރުމަށް 140،000 ޕައުންޑް (184،001 ޑޮލަރު ނުވަތަ 2.8 މިލިޔަން ރުފިޔާ)ގެ ހިލޭ އެހީ ލިބިފައެވެ.
It's a great honour to close off 2018 sharing the first images of our floating Ocean Thermal Energy Conversion (OTEC) plant!#renewables#energy#climatechangepic.twitter.com/TIbNJl6iyU
— OTECresorts (@OTECresorts)December 18, 2018
ގްލޯބަލް އޯޓެކް ރިސޯސެސްއިން މިހާރު ވަނީ މި މަޝްރޫއާ ބެހޭ މައުލޫމާތު ދިވެހި ސަރުކާރާވެސް ހިއްސާކޮށްފައެވެ. އެގޮތުން ގްލޯބަލް އޯޓެކް ރިސޯސެސްއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ބައްދަލުކޮށްފައިވާ އިރު، މިނިސްޓަރު ވަނީ މި މަސައްކަތަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
"އިޔާދަކުރުވަނިވި ހަކަތައަކީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭނެ ކަމެއް،" ސަރުކާރުގެ އެއްބާރުލުން މި މަސައްކަތަށް ލިބޭނެކަމަށް ބަޔާންކުރައްވައި، މިނިސްޓަރު ފައްޔާޒް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
ގްލޯބަލް އޯޓެކް ރިސޯސެސްއިން ބުނާ ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭ މެޓްއޯޝަން ރިޕޯޓެއް އޭޕްރިލް މަސް ނިމުމުގެ ކުރިން ހުށަހަޅާނެއެވެ.
އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޑޭން ގްރެޗް ވިދާޅުވީ ޖޯގްރަފީގެ ގޮތުން ބަލާއިރުވެސް ދިވެހިރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށޭނަ "ކްލީން އެނާޖީ"އަކީ އޯޝަން ތާމަލް އެނާޖީ ކޮންވާޝަން ކަމަށެވެ.
އެގޮތުން އިރުގެ ހޫނުން، ވައިން، ބިޔޯމާސް ނުވަތަ ހައިޑްރޯއިލެކްޓްރިކް ޕަވާ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަކީ ބިންވެސް ބޭނުންވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރެވޭނެކަމަށް ނުދެކޭކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެ އޮތީ އިޔާދަކުރުވަނިވި ހަކަތައިގެ އީޖާދީ ސޮލިއުޝަންތަކަކަށް ބޭނުންވެފައި. ކޮންމެ އަހަރަކުވެސް މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިސޯޓުތަކުން ދަނީ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ހޭދަކުރަމުން ޑީސަލް ފަދަ ހަކަތައަށް. ސަބަބަކީ މިހާރު މާކެޓުގައި ހުރި ކަހަލަ ރިނިއުބަލް އެނާޖީ އުފެއްދުމަކީ ރާއްޖޭގައި ޖޯގްރަފީގެ ގޮތުން އުނދަގޫވެދާނެ ކަމަކަށް ވާތީ."
"ރާއްޖޭގައި އޯޓެކް ޕްލާންޓުތަކެއް ގާއިމުކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައި،" ޑޭން ވިދާޅުވިއެވެ.