29 Jan 2019, 22:57
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެއް ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެއް ފޮއްޓަކަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާން ޖެހުމުން، ކިއު ދިގުވެ، ކިއުގައި ގިނަ އިރުތަކެއް ވަންދެން މީހުން ތިބެން ޖެހުމުން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރި އެވެ.
މިރޭ ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ، އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، އެކަން ހައްލު ކުރުމުގެ ގޮތުން މަޖިލީސް އިންތިހާބުގައި އެއް ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދު ކުރާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ތަޖުރިބާގެ އަލީގައި އެއް ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދު ވާނެ މިފަހަރު،"
އޭނާ ވިދާޅުވީ، އެއް ހާހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވާ ފޮއްޓެއް ނަމަ އެ ފޮށި ދެ ފޮއްޓަށް ހަދާނެ ކަމަށެވެ.
"ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު 1200 އަށް ނުވަތަ 1100 އަށް އަރާ ކަމަށް ވަންޏާ އެ ފޮށި ދެ ފޮއްޓަކަށް ބަދަލުކޮށް، 600-600 އަށް، ނުވަތަ 500-600 އަށް ބައިކޮށްލާނީ،" ޝަރީފު ވިދާޅުވި އެވެ.
އެހެން ކަމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި، ރިޔާސީ އިންތިހާބަށް ވުރެ ގިނައިން ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޯޓާސް ލިސްޓުގައި މީހުންގެ މައުލޫމާތު ހިމެނިފައި ވަނީ ރަނގަޅަށްތޯ ބެލުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ ނަން ވޯޓާސް ލިސްޓުގައި ހިމެނޭތޯ ބެލުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ވަގުތު ލިބުނު މިންވަރަކުން ނުވަތަ މައުލޫމާތު ލިބުނު މިންވަރަކުން، އެ ލިސްޓުގައި ހިމެނެން ނުޖެހޭ ފަރާތެއް ހިމެނިފައި އޮތްތޯ ވެސް ބައްލަވާލަދެއްވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިން އަޅުގަނޑުމެން އެދޭ ކަމެއް." ޝަރީފު ވިދާޅުވި އެވެ.
އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.
މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެކަމަށް އެ ކޮމިޝަނުން ރޭ ބުންޏެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ، 2،454 މީހުންގެ އިތުރުވުމެކެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262,135 މީހުންނަށް ކަމަށެވެ.