29 Jan 2019, 22:44
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވާލާ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް މިއަހަރު ލިބުނީ 31 ޕޮއިންޓެވެ. މިއާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 124 ވަނަގައިގައެވެ.
މި ރިޕޯޓުގައި ހިމެނިފައިވާ ގައުމުތަކުގެ ތެރެއިން 50 އަށްވުރެ މަދުން ޕޮއިންޓު ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު މިއީ ތިން ވަނަ އަހަރެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 33 ޕޮއިންޓެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ކޮރަޕްޝަން މަދުކޮށް ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން ޑިމޮކްރަސީ ހަރުދަނާވުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.
ދެހާސްއަށްވަނަ އަހަރުގެ ކޮރަޕްޝަން ސީޕީއައިގެ ނަތީޖާ އަކީ ރާއްޖޭގެ ޑިމޮކްރެޓިކް މުވައްސަސާތައް ރޫޅި، އަތްނުފޯރާފަށަށް ކޮރަޕްޝަން އަށަގަނެފައިވާ ކަމުގެ ބިރުވެރި ނިޝާންތަކެއް ކަމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.
ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތްކޮށް ޑިމޮކްރަސީ ހަރުދަނާކުރުމަށް ޖާގަ ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ މުވައްސަސާތަކަށް ގޮވާލައިފައެވެ.