އަންހެނުންނަށްވެސް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ދޭންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ އާއިޝަތު ނާޒިމާގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނާޒިމާ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އެކިއެކި ސިޔާސީ މަގާމުތަކުގައި އަންހެން ބޭފުޅުންގެ ބައިވެރިވުން ވަރަށް މަދު. އެހެންކަމާ އެކީގައި އަޅުގަނޑުމެންގެ ރާއްޖޭގައި މި ބާވަތުގެ ކަންތަކުގައި ކުރިމަތިލައްވާ އަންހެން ބޭފުޅުންނަށް ހިތްވަރުދީ އަދި އެބައިމީހުން ކުރިއެރުވުމަށް ކަމަނާ ތި ދައްކަވާ ނަމޫނާ ވަރަށް ބޮޑަށް ބަލައިގަންނަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ނާޒިމާގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ނާޒިމާ އަކީ ކުޅިވަރުގެ ދުނިޔެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްކަން ގާސިމް ފާހަގަ ކުރެއްވިއެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ނާޒިމާ ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަށާއި ސިޔާސީ ދާއިރާގައި އަންހެން ބޭފުޅުންގެ ބައިވެރިވުން އިތުރުކުރުމަށް، ފިރިހެނުންނާ ތަފާތެއްނެތި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ގޮވަމުން ގެންދޭ،" ގާސިމް ވިދާޅުވީ ނާޒިމާ އަކީ ކުޅިވަރުގެ މައިދާނުގައިވެސް ޑިސިޕްލިންޑް ބޭފުޅެއް ކަމަށެވެ.

ރާއްޖެއަކީ އަންހެނުންނާއި ފިރިހެނުން ތަފާތު ނުކުރާ ގައުމެއްކަން ބައިނަލްއަގުވާމީ މުސްތަގުބަލަށް ސާބިތުކޮށްދިނުމަށް މަޖިލީހަށް އަންހެނުން ހޮވަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގައި އަންހެނުން ތިބޭތޯ ބައިނަލްއަގުވާމީ ދަތުރު ތަކުގައި ސުވާލު ކުރިމަތިވާ ކަމަށާއި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތުގެ ތަފާތު ކުޑަކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް ގާސިމް މިރޭ ވިދާޅުވިއެވެ.

އަންހެނުންނަކީ ގިނަ ކަންތައްތަކެއް އެނގޭ ބައެއް ކަމަށާއި ގާނޫނާއި ގަވައިދުތައް ހެދިގެންދާއިރު އަންހެނުންގެ ބައިވެރިވުން ވަރަށް މުހިއްމުކަން ގާސިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމާގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަނގެތީ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާލަން ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ ޖޭޕީގެ ސިޔާސަތު ކަމަށެވެ.

ނާޒިމާ އަކީ ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށާއި ކުޅިވަރަކީ މީހުން ޑިސިޕްލިން ކުރުވާ ކަމަކަށް ވާއިރު ނާޒިމާ އަކީ ޑިސިޕްލިންް ކަނބަލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.