29 Jan 2019, 20:48
އދ. މަޖިލިސް (ޖަނަވަރީ 29) :ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ވައްޓާލުމަށް ޓަކައި އިދިކޮޅު ފަރަތްތަކުން ކުރަމުން ގެންދާ މުޒާހަރާތަކުގައި ހަފްތާއެއްގެ ތެރޭގައި 40 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ އޮފީހުގެ ތަރްޖަމާން ރޮބަޓް ކޮލްވިލް ވިދާޅުވީ މުޒާހަރާތަކުގައި ހަފްތާއެއްގެ ތެރޭގައި 40 މީހުން މަރުވެފައި ވަނީ އެކި ގޮތްގޮތަށް ކަމަށާއި އޭގެތެރޭގައި މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކުން ވެނެޒުއެލާގެ ސަރުކާރަށް ތާއީދުކުޜާ ފަރާތްތަކަށްދޭ ޙަމަލާތަކުން މަރުވާ މީހުން ވެސް ހިމެނޭކަމުގަ އެވެ. މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވެނެޒުއެލާގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރަނީ ހަމައެކަނި އެމީހުން ހިންގާ ހަމަނުޖެހުންތައް މައިތިރި ކުރުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.
އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ މިއަދު ވެސް ވަނީ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާތައް ވަރުގަދަ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފަ އެވެ. މުޒާހަރާތައް ވަރުގަދަކުރުމަށް ގުއައިޑޯ ގޮވާލެއްވީ މަދޫރޯގެ ސަރުކާރަށް ސިފައިން ކުރާ ތާއީދު ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅުމަށް ސިފައިންނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކާ ގުޅުމަށް ވެނެޒުއެލާގެ ސިފައިން ދެކޮޅުހަދައި މަދޫރޯގެ ފަހަތުގައި ސާބިތުކަންމަތީ ސިފައިން ތިބުމުން އިދިކޮޅު ލީޑަރަށް ވަނީ ވެރިކަމަށް އަތްގަދަ ކުރުމަށް ނުކުޅެދިފަ އެވެ.
މަދޫރޯ އަށް ތާއީދުކުރާ ފަރާތްކުން ބުނަމުން ގެންދަނީ މަދޫރޯގެ ވެރިކަން ދިފާއުކުރަން ތައްޔާރަށް ތިބިކަމާއި އިދިކޮޅު ލިޑަރަށް ވެރިކަން ހޯދައިދިނުމަށް ޓަކައި އެމެރިކާ އާއި އެމެރިކާއާ ގުޅިފައިވާ ބޭރުގެ ބާރުތައް ގައުމަށް އަރައިގަތް ނަމަވެސް ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރާނެކަމުގަ އެވެ.
ގުއައިޑޯގެ އިންގިލާބީ ހަރަކާތަށް ތާއީދު ނުކުރުމަށް ވެނެޒުއެލާގެ ސިފައިންނާއި ފުލުހުންނާއި ސުޕްރީމް ކޯޓާ އަދި އެ ގައުމުގެ ދައުލަތުގެ އެހެން މުއައްސަސާތަކުން ވަނީ ނިންމައިފަ އެވެ. ގުއައިޑޯގެ ބަޣާވާތަށް އެމެރިކާ އާއި ލެޓިން އެމެރިކާގެ ގިނަ ގައުމުތައް ތާއީދުކޮށްފައިވާ އިރު ޗައިނާ އާއި ރަޝިޔާ އާއި އެނޫން ވެސް އެތައް ގައުމަކުން ވަނީ މަދޫރޯގެ ޝަރުއީ ސަރުކާރަށް ތާއީދުކުރުން މަތީ ދެމިތިބިކަން ހާމަކޮށްފަ އެވެ.
ރަޝިޔާ އިން ވަނީ ވެނެޒުއެލާއަށް އަރައިނުގަތުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ. އަދި މަދޫރޯގެ ސަރުކާރާ ދެކޮޅަށް ގުއައިޑޯގެ ބަޣާވާތަށް ތާއީދުކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރެން އެމެރިކާ އާއި ހުޅަނގުގެ ބާރުތައް އުޅުމުން ޗައިނާ އާއި ރަޝިޔާ ވަނީ އެކަން ހުއްޓުވައިފަ އެވެ. (ނޫސްއެޖެންސީތައް)