29 Jan 2019, 20:05
އޭޕްރީލް ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ޝަކުވާ ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް، ހުކުރު ދުވަހު މެންދުރުފަހު 2:00 ން ހަވީރު 5:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިންނަމަ، ޝަކުވާތައް ބަލައިގަންނާނީ ރަށު އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓަށް ކަމަށާއި މާލޭގައިނަމަ އިންތިޚާބާބެހޭ މަރުކަޒުގައި ހުންނަ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ. އަދި ބިއުރޯތައް އުފެދުމަށްފަހު ފޯމު ހުށަހަޅާނީ ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 21 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މި އިންތިހާބުގައި 87 ދާއިރާ އަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.