ބ. ހިތާދޫ ރަށު ކައުންސިލަށް އަމިއްލަގޮތުން އިންތިޚާބުވި ދެ ކައުންސިލަރަކު ސަރުކާރު ހިންގާ އެމްޑީޕީ އަށް މިރޭ ސޮއިކޮށްފިއެވެ.

ހިތާދޫ ކައުންސިލަށް އަމިއްލަ ގޮތުން އިންތިޚާބު ވެވަޑައިގެންނެވި ދެ މެންބަރުން ކަމަށްވާ މުހައްމަދު ރަޝީދާއި މުހައްމަދު ފާސިލް އެމްޑީޕީއަށް ސޮއިކުރެއްވީ "ހިންނަވަރު މެކުހަށް" މިނަމުގައި މިރޭ ހިންނަވަރުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގަ އެވެ. އެ ޖަލްސާގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ ކުރިން އެމްޑީޕީގެ އެއް ކައުންސިލަރަކާއި އަމިއްލަ ގޮތުން ހޮވުނު ހަތަރު ކައުންސިލަރުން ތިއްބެވި ހިތާދޫ ކައުންސިލްގެ ދެ މެންބަރަކު އެމްޑީޕީއަށް ސޮއިކުރުމާއި ގުޅިގެން އެ ކައުންސިލްގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ލިބިފައެވެ.

މި ބޭފުޅުންގެ އިތުރުން މިހާތަނަށް އެމްޑީޕީ އަށް ސޮއިކުރައްވާފައިވާ އަމިއްލަ ކައުންސިލަރުންގެ ތެރޭގައި ގއ. ކޮނޑޭ ކައުންސިލަށް އަމިއްލަގޮތުން އިންތިޚާބުވެ ވަޑައިގެންނެވި ތިން ކައުންސިލަރުނާއި، ހއ. މާރެންދޫ ކައުންސިލަށް އަމިއްލަގޮތުން އިންތިޚާބުވެ ވަޑައިގެންނެވި ފަސް ކައުންސިލަރުން ހިމެނެއެވެ. ބ. ކެންދޫ ރަށު ކައުންސިލަށް ހޮވިވަޑައިގެންނެވި އަމިއްލަ ދެ މެންބަރަކާއި އދ. އޮމަދޫ ކައުންސިލަށް ހޮވުނު އަމިއްލަ ދެ މެންބަރަކާއި ތ. ބުރުނީ ކައުންސިލްގެ އަމިއްލަ ދެ މެންބަރަކު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން ފ. މަގޫދޫ ކައުންސިލްގެ އަމިއްލަ މެންބަރަކު ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.