ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާސައިޑް ޕެޓްރޯލް ރޯޑުގެ 30 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިރޭ ވިދާޅުވީ އެއާޕޯޓުގެ އިރުމަތީ ފަރާތު އޭޕްރަން އާ ޖެހިގެން އޮންނަ މި މަގުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

ގާތްގަނޑަކަށް 1.2 ކިލޯ މީޓަރުގެ މިމަގަކީ އީސްޓް އޭޕްރަން އާއި ވެސްޓް އޭޕްރަން ގުޅާލާ މަގެވެ. މި މަގުގެ މަސައްކަތް ނިމުމުން ފްލައިޓުން ފައިބާ ފަސިންޖަރުން ގޮވައިގެން ޓާމިނަލް އާ ހަމައަށް ބަސް ދަތުރު ކުރާނީ މި މަގުންނެވެ.

ވީއައިއޭގެ އެއާސައިޑް ރޯޑުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

މިހާރު ސީޕްލޭން ޓާމިނަލް އަށް ފަސިންޖަރުން ގޮވައިގެން ދުއްވާ މަގާ ޖެހިގެން އެއާޕޯޓާ ވީ ފަރާތަށް އޮންނަ މި މަގުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށާއި ތާރު އެޅުމުގެ 30 ޕަސެންޓުު މަސައްކަތް ނިމިފައިވާ ކަމަށް އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ އެއާސައިޑް ހައިވޭ އާއި ޖެހިގެން އޮންނަ މަގާއި، ހުޅުމާލެ-ހުޅުލެ ލިންކު ރޯޑާ ސެމެދު ސެކިއުރިޓީ ފެންސް ޖެހުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތުގެ 70 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ކޯޑު އެފް ރަންވޭ އެއް ވަނީ ތަރައްގީ ކޮށްފައެވެ. ޒަމާނީ ފިއުލްފާމަކާއި ސީޕްލޭން ޓާމިނަލް އެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު މި ޕްރޮޖެކްޓުގެ ދަށުން އާ ޕެސެންޖާ ޓާމިނަލް އަކާއި ވީއައިޕީ ކޮމްޕްލެކްސް އެއްވެސް ހަދާނެއެވެ.