29 Jan 2019, 18:14
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ އޭނާގެ ބޭސްފަރުވާގެ އާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެން އަދީބު ގެއަށް ބަދަލު ކުރުމަށް އިއްޔެ ހައި ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމު ކޯޓުން މިއަދު އަމުރު ކުރުމާއެކުއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑަައަޅައިދިނުމަށް ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
"މި މައްސަލާގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކި ގޮތަކަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަންދެން ދިވެހި ރާއްޖޭގެ ހައި ކޯޓްގެ... ގަޒިއްޔާގައި ނެރެފައިވާ އެ ކޯޓުގެ ނަމްބަރު ... އަމުރު ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން، އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ." ސުޕްރީމް ކޯޓުގެ އަަމުރުގައި ބުންޏެވެ.
އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން އިއްޔެ އަމުރެއް ނެރުނީ އޭނާގެ ބޭސްފަރުވާއާ ގުޅޭ ގޮތުން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެނެވެ.
ސިއްހީ ހާލަތު ގޯސްވެ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ކުރި އޮޕަރޭޝަނަށް ފަހު، ޑޮކްޓަރުގެ ލަފަޔާ އެކު އަދީބު އެންމެ ފުރަތަމަ ގޭބަންދަށް ބަދަލު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކަރެކްޝަނަލް ސާވިސް އިން އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެފަހުން ވެސް ދެފަހަރެއްގެ މަތިން ހާލު ސީރިއަސް ވެގެން އަދީބު އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައިވެ އެވެ.