ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމުގެ ކުރިން ރާއްޖޭގެ ހާލަތު އެސެސްކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓުގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިޓީމު މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައިވާއިރު، މި ވަފްދަށް މަރުހަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދެވެ. މި ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ކޮމަންވެލްތުގެ ހެޑް އޮފް އޭޝިޔާ ޕެސިފިކް އެލްބާޓް މެރިނާ އެވެ.

ކޮމަންވެލްތުގެ ވަފްދާ ބައްދަލު ކުރައްވާ ފޮރިން ސެކްރެޓަރީ ވިދާޅުވީ ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އިން އޮތް ދުވަސްވަރުގައި ގިނަ ފައިދާތަކެއް ރާއްޖެއަށް ކުރި ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކާއި މޫސަމަށް އަންނަ ބަދަލު، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތަކުން ބައިނަލްއަގުވާމީ މައިދާނުގައި ކުރި ބޮޑެތި މަޝްވަރާތަކުގައި ރާއްޖޭގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވިއެވެ.

ތިރީސް އަހަރު އަހަރު ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށްފަހު އެ ޖަމްއިއްޔާ އިން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައެވެ. އޭރު ސަރުކާރުން ބުނީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އަލުން ކޮމަންވެލްތާ ގުޅުމަކީ މި ސަރުކާރުގެ ފޮރިން އެޖެންޑާގެ އެންމެ މުހިއްމު އެއް ކަންތައް ކަމަށްވާއިރު ސަރުކާރު އެކުލަވާލުމަށްފަހު ވަޒީރުންގެ މަޖިލީހުން އެންމެ ފުރަތަމަ ނިންމި އެއް ނިންމުމަކީ ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެއިން ނިންމުމުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވެސް ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.

ކޮމަންވެލްތުގެ ވަފްދުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާި ކެބިނެޓުގެ ވަޒީރުން އަދި މަޖިލީހުގެ ރައީސާއި ޗީފް ޖަސްޓިސްގެ އިތުރުން މިނިވަން މުވައްސަސާތަކާވެސް ބައްދަލުކޮށްފައެވެ.