07 Oct 2011, 21:26
ބޮޑެތި އަނިޔާތަކެއްކޮށް ގއ. ކޮލަމާފުށީ ފަޅުގޯއްޗެއްގެ ތެރެއަށް އެއްލައިލާފައި އޮއްވާ ރޭ ފެނުނު އެރަށު ވިޔަފާރިވެރިޔެއް ކަމަށްވާ ސިލްނާ މަންޒިލް، އަބްދުލް މުހުސިން އަށް އަނިޔާކުރި ކަމަށް ޝައްކު ކުރެވޭ ފަސް މީހަކު ކޮލަމާފުށިން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ ގއ. ކޮލަމާފުށީ މުހުސިން 52، އާ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހަކު މިއަދު ހައްޔަރުކޮށް ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ނަމެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.
"މަސައްލައިގެ ތުހުމަތަށް ފަސް މީހަކު ހައްޔަރުކޮށް، ތަހުގީގުތައް ކުރިއަށް ދަނީ،" ޝިޔާމް ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގުތައް ކޮލަމާފުށީގައި ކުރިއަށްދާއިރު، ރޭގެ މާރާމާރީގައި ހަށިގަނޑުގެ ތިން ތަނަކަށް ބޮޑެތި ޒަހަމްތަކެއް ލިބުނު މުހުސިން މިރޭ އިރާކޮޅު ވަނީ އެމްއެންޑީއެފްގެ "ރެހެންދި" ހެލިކަޕްޓަރުގައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފަ އެވެ.
~
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ މުހުސިންއަށް އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ. މުހުސިންގެ އާއިލާއިން އޭނާގެ ހާލަތާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދޭން ބޭނުން ނުވާތީ މުހުސިންގެ މިހާރުގެ ހާލަތެއް އައިޖީއެމްއެޗަކުން ހާމައެއް ނުކުރި އެވެ.
އެމްއެންޑީއެފްގެ ވަޒީފާ އަދާކުރާ މުހުސިންގެ ދޮށީ ދަރިފުޅު ޝާން މިއަދު ސަން އަށް މައުމޫލާތު ދެމުން ބުނީ ބައްޕަޔަށް އަނިޔާކުރި ބަޔަކު ނޭނގޭ ކަމަށެވެ. އަދި ގޮތް ނޭނގޭ ބަޔަކު ބައްޕަޔަށް ހަމަލާދީ މާރާމާރީ ހިންގައި ޒަހަމްކޮށްލި ހަބަރު ލިބުނީ ސާކް ސަމިޓަށް ތައްޔާރުވުމަށް އައްޑޫ ސިޓީގައި ހުއްޓާ ކަމަށެވެ.
"އަޅުގަނޑަށް ގުޅީ މަންމަ. ގުޅައިފަ ބުނީ ބައްޕަ ގެއްލިގެންނޭ މިއުޅޭނީ. އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުން އެ އަނިޔާތަކެއް ބައްޕަޔަށް ދިނީ ރޭ 8:30 ނުވަތަ 9:00 ޖަހަން އުޅެނިކޮށް. ބައްޕަ ގެއިން ބޭރަށް ދިޔަ ސަބަބެއް ނޭނގޭ،" ބައްޕައާއެކު މިހާރު އައިޖީއެމްއެޗްގައި ހުރި ޝާން ބުންޏެވެ.
ކޮލަމާފުށީ ރަށު ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވިދާޅުވީ ރަށުގަ އާދައިގެ ފިހާރައެއް ހިންގާ މުހުސިނަށް ދީފައިވާ އަނިޔާތުގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅާލާފައިވާ ކަމަށާއި ވައަތްފަރާތު ލޯ ދުޅަވެ، ނޫފައި ގެންފައިވާ ކަމަށެވެ. އަދި ވައަތް ފަރާތު އަތަށާއި ކަންފަތައް ވެސް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އޭނާ ފަޅު ގޯތި ތެރެއިން ފުލުހުން ނެގިއިރު ހޭހުރި ކަމަށާއި އަދި ވާހަކަވެސް ދެއްކި ކަމަށެވެ.
"އޭނައަކަށް ވެސް ނޭނގޭ ހަމަލާދިން ބަޔަކު. ތޫނު އެއްޗަކުން ހަމަލާދީފަ ހުރިހެނެއް ބޭރުފުށަކުން އެގޭކަށް ގެތް. ނަމަވެސް ވައަތް ފަރާތު ލޯ ހުރީ ދުޅަވެ، ނޫފައިގެންފަ. އަދި ބޮލުގެ ފުއްކިބަ ފަޅާލާފައިވޭ. އަދި ވައަތް ފަރާތު އަތަށާއި ކަންފަތަށް ވެސް ޒަހަމްތަކެއް ލިބިފައިވޭ،" ކޮލަމާފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު 27ގައި ހއ. ހޯރަފުށީ ވިޔަފާރިވެރިޔަކުވެސް މަރާލައިފަ އޮއްވާ ފަޅު ގެއެއްގެ ތެރެއިން ފެނިފައިވެ އެވެ. މަރުވީ ހުސައިން މަނިކު61، (ހުސޭނުބޭ) އެވެ. އެ މައްސަލަ ސީރިއަސްވެ، ފުލުހުންގެ ކޮމިޝަނަރާއި އަދި އިސް ޓީމަކުން އެރަށަށް ގޮސް، މައްސަލައާ ގުޅުން ހުރި ފަސް މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް މިހާރު ފަށާފައިވާއިރު ދައުލަތު ންއެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.